ޚަބަރު

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި


ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ. އޭގެތެރޭގައި ހިމެނެނީ ޓޭބަލް ޓެނިސް އާއި ފުޓްބޯޅަ އާއި އެތްލެޓިކްސްގައި ބޭނުން ކުރާ ބައެއް ސާމާނެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ކުޅިވަރު ސާމާނު ހަވާލުކުރުމަށް މިއަދު ވަނީ ހެންވޭރު ބޯޅަ ގޭގައި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި ތަކެތި ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރެވެ.

މިތަކެތި ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރު ވަޒީރު ރާފިއުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ފުޓްބޯޅަ އާއި ސްޓަރޓިން ބްލޮކް އާއި ހާޑަލްސް އާއި މެނުއަލް ޓައިމްކީޕިން ސާމާނާއި ސްކޯ ބޯޑާއި، ޓޭބަލް ޓެނިސް ރެކެޓާއި ޓޭބަލް ޓެނިސް ބޯޅަ އަދި ޖަޖުންނަށް ހާއްސަ ގޮނޑި ހިމެނެއެވެ.

މިތަކެތި ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ވަނީ ޗައިނާއިން ހަދިޔާކުރި ކުޅިވަރު ސާމާނުގެ އިތުރުން ކުޅިވަރު ދާއިރާއަށް އެގައުމުން ވެދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރތައް ގާއިމުކުރުމާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދޭކަން ފާހަގަކޮށް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއަށް މިހާ ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރުމުން ދޭހަވަނީ ޗައިނާއިން ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުމަށް ދޭ އަހަންމިޔަތުކަން ކަމަށާއި، ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއްކަމަށް ވަޒީރު ރާފިއު ފާހަގަ ކުރެއްވިއެވެ.

އަދި ކުރިޔަށް އޮތްތަނުގައިވެސް މިހާރެކޭ އެއްގޮތަށް ޗައިނާއިން ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިހާރަށްވުރެ ބޮޑަށް ދެގައުމުން ގުޅިގެން ކުޅިވަރު ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.