ސިނަމާލޭ ބްރިޖްގައި ހިނގި ދެ އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިރޭ ސިނަމާލޭ ބްރިޖްގައި މަޑު ކޮށްގެން އޮތް ކާރެއްގެ ފަހަތުގައި 2 ސައިކަލުން ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް 9:48 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
މީގެ ތެރެއިން ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް މަޑު ކުރުމުން، ފަހަތުން އައި އެހެން ސައިކަލަކުން މަޑުކުރި ސައިކަލުގައި ޖެހި، ދެ ސައިކަލު އެއްކޮށް ކުރިމަތީ އޮތް ކާރެއްގައި ޖެހިގެންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ. މި އެކްސިޑެންޓްގައި 2 މީހަކަށް އަނިޔާ ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އަނެއް އެކްސިޑެންޓް ހިނގީ ކުރިން ހިނގި މި އެކްސިޑެންޓާ ގުޅިގެން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލަކުން ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑު ބިންދައިގެން ގޮސް އިތުރު އަނިޔާ ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި 2 އެކްސިޑެންޓްގައި އަނިޔާވި 3 މީހުންނަށް ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި 2 މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.