ޚަބަރު

ހާމަކަން ބޮޑު ގޮތެއްގައި ތެދު މަޢުލޫމާތު ހާމަކުރުމަށް ނޫސްވެރިންނާ ގުޅިގެން މަސައްކަތްކުރާނަން: ޑީސީޕީ


  • ޑީސީޕީ ވިދާޅުވީ ހެޑްލައިން ޖެހޭ ގޮތަކުން ޚަބަރުގެ ހަގީގަތް ބަދަލުވެގެންދާކަމަށް

  • ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ

ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހާމަކުރުމަށް ނޫސްވެރިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ކުރިއަށް އޮތްތަނުގައި ޤާއިމުވެގެންދާނެކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. ޑީސީޕީ މިހެން ވިދާޅުވީ ނޫސްވެރިންނާއެކު ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ފުލުހުންނާއި ނޫސްވެރިންނާއި ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާކަން ޤަބޫލުކުރައްވާކަމަށާއި އެކަން ރަނގަޅު ކުރަންޖެހޭކަމަށެވެ. ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާއިރު އެކަންކަމުގެ އެންމެ ސައްޙަ މަޢުލޫމާތު ވީއެންމެ އަވަހަށް ފޮނުވުމުގައި ނޫސްވެރިންނާއި ގާތުން މަސައްކަތްކުރުމުގެ މުހިއްމުކަން ޑީސީޕީ ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ބައެއް ޚަބަރު ފެތުރުމުގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ފަދަ ކަންކަމުގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ މުހިންމުކަންވެސް ޑީސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާއި ހަމައަށް ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ގެނެސްދެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ." ނަވީން ވިދާޅުވިއެވެ.

ޑީސީޕީ ނަވީން ވިދާޅުވީ ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގައި ރައްޔިތުންނާއި ނޫސްވެރިންގެ ފަރާތުންވެސް ލިބޭ ބިނާކުރަނިވި ފާޑުކިޔުން، ބަލައިގަންނާނެކަމަށެވެ. އަދި އަދުގެ މުޖުތަމަޢުގައި ނޫސްވެރިން ދޫކޮށްލާ ޚަބަރުތަކުގައި ޖެހޭ ހެޑްލައިނެއްގެ ސަބަބުންވެސް ޙަގީގަތް އޮޅިގެންދާ ފަހަރު ކުރިމަތިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވަކި ފަރާތަކަށް ބުރަވެ ކުރާ ނޫސްވެރިކަން އާންމުވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ. ޑީސީޕީ ނަވީން ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި މި މަސައްކަތް ވެގެންދާނީ ހާމަކަން ބޮޑު މީޑިއާގެ ވެއްޓެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްކަމަށް ޤަބޫލްކުރައްވާކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައިވަނީ ރާއްޖޭގައި ހިންގާ ގިނަ މީޑިއާތަކުން ނޫސްވެރިންނާއި މެނޭޖްމަންޓް ބޭފުޅުންނާއި ފުލުހުންގެ ޚިދުމަތުގެ އެކި ރޭންކްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.