ޚަބަރު

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު މަޤާމުގެ ފަތްކޮޅު އަރުވައިފި


  • ވަޒީރު ވަނީ ޞިއްޙަތު ޖަމްޢިއްޔާއިން ވެދެއްވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައި

  • ދުންފަތް މަނާކުރުމާއި ގުޅިގެން، ރައީސަށް ދެއްވި އެވޯޑަށް ވަޒީރު ޝުކުރު އަދާކުރެއްވި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވި އައު މަންދޫބު މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލަށް އަރުވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބު ޕެއިޑެން ފަތްކޮޅު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ. މީގެތެރޭގައި، ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ހަރުދަނާ ޞިއްޙީ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޞިއްޙީ ދާއިރާގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބު ވަނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އެޖަމްޢިއްޔާއިން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވަޒީރު ޚަލީލު ވަނީ ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުން ދުންފަތް މަނާކުރުމުގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާހުތަކާއި ގުޅޭ މަޢުލޫމާތު ވަޒީރުވަނީ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބާ ހިއްސާކުރައްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ މިއަހަރު 60 އަހަރު ފުރޭނެއެވެ. 1965 ވަނަ އަހަރު ޞިއްޙަތު ޖަމްޢިއްޔާގެ އޮފީހެއް ރާއްޖޭގައި ޤާއިމްވުމަށްފަހު ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.