އަންނަ ސީޒަނަށް ބާސެލޯނާއިން ދޫކޮށްލާ ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް ގޯލްކީޕަރު އިނާކީ ޕެންޔާ އާއި ފޯވާޑް އަންސޫ ފަޓީ އަތުވެއްޖެއެވެ.
މި ސީޒަނުގައި ތިން ތަށި ހޯދި ޓީމުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ކުރިން ކުޅުންތެރިންތަކެއް ދޫކޮށްލާނެ އެވެ. މި ލިސްޓުގެ ކުރިއަށް ޕެންޔާ އަކީ އޭނާގެ ޕާފޯމަންސް ކޯޗު ހަންސީ ފްލިކަށް ކަމުނުދިއުމުންނެވެ.
މި ސީޒަން ފެށުމާއެކު އެއްވަނަ ކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން އަށް އަނިޔާވުމުން ބާސެލޯނާގެ އެއްވަނަ ކީޕަރުކަން ދިނީ ޕެންޔާ އަށެވެ. ނަމަވެސް ޑިސެމްބަރު މަހާ ހިސާބުން އޭނާ އަށް އެ ޖާގަ ގެއްލުނެވެ. އޭގެ ފަހުން އެއްވަނަ ކީޕަރުކަން ކުރީ ވަގުތީ ޓީމުން ޓީމަށް ގެނައި ތަޖުރިބާކާރު ކީޕަރު ޕޮލެންޑްގެ ވޮޝްނިއާ ޝެޒްނީ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނެފައިވަނީ ފްލިކް ޕެންޔާއާ މެދު ހިތްހަމަ ނުޖެހުނީ އޭނާ އަތުން ހެދުނު ގިނަ ގޯސްތަކާއެކު ބާސެލޯނާ އަށް ލިބިފައިއޮތް ހަތް ޕޮއިންޓް ލީޑް ގެއްލުމުން ކަމަށެވެ. މީގެ އިތުރުން ގަޑިޖެހިގެން ޕްރެކްޓިހަށް އައުން ތަކުރާރުވުން ވެސް ހިމެނެ އެވެ.
މިހެންވެ ޕެންޔާ ވެސް މިހާރު ހުރީ ކުލަބު ދޫކޮށްލަން ތައްޔާރުވެގެންނެވެ. އޭނާ ދާން ބޭނުންވަނީ ސްޕޭނުގެ ކުލަބަކަށެވެ. ބާސެލޯނާއިން ސްޕޭން ނޫން ކުލަބަކަށް އޭނާ ވިއްކާލަން ބާރު އަޅަން ބޭނުންވި ނަމަވެސް އަންނަ ސީޒަނުގެ ނިޔަކަށް އޭނާގެ ކޮންޓްރެކްޓް ހަމަވާނެތީވެ އެންމެ ރަނގަޅު އަގު ލިބޭ ޓީމަކަށް ކީޕަރު ވިއްކާލާނެ ކަމަށްވެ އެވެ.
ދެން ހުރީ އަންސޫ ފަޓީ އެވެ. ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ޓީމު ދޫކޮށްލުމުން 10 ނަންބަރު ޖާޒީ ލިބުނު ފަޓީ އަށް ބާސެލޯނާގައި އެކަށީގެންވާ ވަރާ ގާތަށް ވެސް ނުކުޅެވުނެވެ. އޭނާ މުޅިން ވެސް އިންނަން ޖެހުނީ ބެންޗުގަ އެވެ. ޓީމުގެ ފަސް ފޯވަޑުންގެ ތެރެއިން ފަޓީ އަށް ޖާގަ ލިބެނީ ވެސް އެންމެ ފަހަތުންނެވެ.
މި ދެ ކުޅުންތެރިންގފެ އިތުރުން ވެސް ބާސެލޯނާއިން ގިނަ ކުޅުންތެރިން ޝޮޕިން ލިސްޓަށް ލާނެ އެވެ. މީގެ ތެރޭގައި ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސެން އާއި ރޮނަލްޑް އަރައުހޯ ވެސް ހިމެނިދާނެ ކަމަށް ސްޕޭނުގެ މީޑިޔާތަކުން ލަފާކުރެ އެވެ.