ޚަބަރު

"މިއަހަރު ޙައްޖަށް ދިއުމަށް ކިއުގައި ތިބި އެންމެނަށްވެސް މިފަހަރު ފުރުޞަތު ލިބޭނެ"


  • ޙައްޖު ކޯޓާގެ ތަފްޞީލް މިމަހުގެ 26ވަނަ ދުވަހު ހާމަކުރާނެ

މިއަހަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި ހުރިހާ އެންމެނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު މިފަހަރު ލިބޭނެކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ޙައްޖު ކޯޓާގެ ތަފްޞީލް މިމަހުގެ 26ވަނަ ދުވަހު ހާމަކުރާނެކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްޞީލް އެވުޒާރާއިން ހާމަކުރާގޮތަށް ވަނީ ނިންމާފައެވެ.

މިއަހަރަށް ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި އެންމެނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. މިއާއެކު މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހިމެނިފައިވާ އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަހަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާއިރު، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް ނިންމަވައި އެކަމުގެ އުސޫލު އެކުލަވާލާފައިވާއިރު، އެ އުސޫލާއެއްގޮތަށް އަންނަ އަހަރުން ފެށިގެން ހައްޖަށް މީހުން ފޮނުވަން ފަށަނެކަން ހައްޖުކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް އިސްލާމީ ކަންތަތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެއެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް ލިބިގެންދިޔަ ފާހަގަމޮށްލެވޭ ތާރީޚީ ކުރިއެރުމެކެވެ.