ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު ތިލަފުއްޓަށް ބަދަލުކުރުމުގެ ކޮންސެޕްޓުގެ ޑިޒައިން އަންނަ މަހު ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ. ޝިމާދް މިހެން ވިދާޅުވީ، އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެސްޓީއޯއިން މީގެ ކުރިން ނިންމާފައި އޮތީ ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު މާގިރިފަޅަށް ބަދަލުކުރުމަށެވެ. ނަމަވެސް އެ ނިޒާމް މާގިރިފަޅަށް ބަދަލުކުރުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް އީއައިއޭ ހެދުމުން މާގިރިފަޅަކީ އެންމެ ފީސިބަލް ތަނަކަށް ނުވުމުން އެ ޓޭންކަރުތައް ތިލަފުއްޓަށް ބަދަލުކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
އެސްޓީއޯގެ މި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމުން ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު ފިއުލް ޓާރމިނަލް ކަމުގައިވާ ފުނަދޫގެ ކެޕޭސިޓީ މިހާރު އޮތީ މިހާރު އަޅުގަނޑުމެންނަށް ލިބެމުންދާ ޑިމާންޑާއި އަޅައި ބަލާއިރު ވަރަށް ދަށްވެފައި. އަދި ފުނަދޫއަކީ ކުޑަކުޑަ ރަށަކަށް ވާތީ ޑިވޮލޮޕްމެންޓް ޕޮޓެންޝިއަލް އޮތީ ވަރަށް ބޮޑަށް ލިމިޓްވެފައި." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.
ފުނަދޫގައި ތެޔޮ ރައްކާކުރުމުގެ ފެސިލިޓީ ތިލަފައްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރައްވަމުން، ޝިމާދު ވިދާޅުވީ މިކަމާއި ގުޅޭ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އައު ފިއުލް ޓަރމިނަލެއް ތިލަފުށީގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރެވެމުން. ޑެންމާކުގެ ބަޔަކާއި ހަވާލުކޮށްގެން ކޮންސްޕްޓް ޑިޒައިންކުރުމުގެ މަސައްކަތް މިއަންނަ ޖޫންމަހުގަ އަޅުގަނޑުމެންނަށް ކޮންސެޕްޓް ލިބޭނެ. އަދި މި މަސައްކަތް ނިމޭއިރަށް މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ، ރައްޔިތުންނާއި ގާތުން، ޚާއްޞަކޮށް މަސްވެރިންނަށް ހެޔޮ އަގެއްގައި ތެޔޮ ފޯރިކޮށްދިނުމަށްޓަކައި ޒަމާނީ ފެންވަރުގެ މޮޑިއުލަރ ފިއުލް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރުގައި 19 އަތޮޅެއްގައި މީގެ 19 ފިއުލް ސްޓޭޝަން ޤާއުމްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފިއުލް ކެޕޭސިޓީ މިހާރަށް ވުރެ އިތުރުކުރުމަށްޓަކައި 3 ޓޭންކަރާއި 11 ބާޖު އިތުރުކުރުމަށް ނިންމާފައިވާއިރު މިހާރުވެސް ޓޭންކަރުތަކެއް ގެނެސްފައިވާކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.