ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ. މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26ވަނަ ދުވަހުއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމަވާފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ފުރާ ދުވަހުއެވެ. އެއީ މިމަހުގެ 26ވާ ހޯމަ ދުވަހުއެވެ. މިއިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ސަޢުދީގެ ޓީމެއް މިހާރުވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
ސަޢުދީގެ މިޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސް އޮފިޝަލުންނެވެ.
މިވަފުދުގައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާއިގުޅުންހުރި މުޢައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ އިތުރު ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށްވެސް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ފުރިހަމަކުރެވޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
3. ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ލިބިގެންދިއުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢޫދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ. އަދި މިއީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.