ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލިއިރު 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ދައުރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ ފެބްރުއަރީ މަހުގެ 6ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ މި ދައުރުގެ ތެރޭގައި 32 ޖަލްސާ ބާއްވާފާވާއިރު، ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ 193 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު، 139 ގަޑިއިރާއި 37 މިނެޓު ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހޭދަކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މި ދައުރުގެ ތެރޭގައި 9 ބިލު ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި މުހިންމު އިސްލާހުތައް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށައެޅިފައިވާ 77 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
"މެންބަރުން މި ދައުރުގެ ތެރޭގައި މަޖިލީހުގެ މަަސައްކަތްތަކަށް ދެއްވާ އަހަންމިއްޔަތުކަމަށްޓަކައި ޝުކުރުދަންނަވަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
20 ވަނަ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި 2 ވަނަ ދުއުރު ނިމޭނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.