ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލު މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު"ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލްތައް ތަންފީޒްކުރަން މަސައްކަތް ކުރާއިރު ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަން، ޤާނޫނީ ވެރިކަން، ދެފުއް ފެންނަ ނިޒާމު ފުރިހަމަކުރަންޖެހޭކަމަށެވެ. ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްވެގެން އައިތާ ގިނަދުވަސްތަކެއް ވީނަމަވެސް އަދިވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިފަދަ ކަންކަން ރާއްޖޭގައި ހުންނަންވާނީ އެންމެ އެކަށީގެންވާ ގޮތަށްކަމަށެވެ.
ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދެމެދު އޮންނަނީ 6 މަސް ދުވަހުގެ ތަފާތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންނަނަށް އެންމެ ފައިދާހުރިގޮތަކަށްވާނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުންކަމަށެވެ. އެހެންނަމަވެސް އެނިންމުން އެމަނިކުފާނު އަމިއްލަފުޅަށް ނުނިންމަވާނެކަމަށާއި އަކަން ނިންމަވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއެކު ރައްޔިތުންގެ މަޝްވަރާއާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމާއި، ޕްރިފަރެންޝަލް ނިޒާމް ނުވަތަ ރިޔާސީ އިންޚަބުގެ އެއްބުރު ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލިސް ދެވަނަ ދައުރަށް ހުޅުވުމުން ހުށަހަޅުއްވާނެކަމަށެވެ. މި ދެ އިންތިޚާބު އެކީގައި ބޭއްވުމުން ރައްޔިތުންނަށް އެތަކެއް ފައިދާ ކުރާނެކަމަށާއި، ޚަރަދުގެ ގޮތުންވެސް އެތައް މިލިޔަން ރުފިޔާއެއް ސަލާމާތް ކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމާނީ. ނިންމެން އޮތަސް އަޅުގަނޑު ވަކި ގޮތެއް ނުނިންމާނަން. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކިއެކީގައި ބޭއްވުމުން ރައްޔިތުންނަށް ފައިދާކުރާނެކަމަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބު ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ކަނޑައެޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެކަންވެސް ކުރައްވާނީ ރައްޔިތުންގެ މަޝްވަރާއާއެކުކަމަށް ވިދާޅުވެފައެވެ.
މި ޕޮޑްކާސްޓްގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ތިބި މެންބަރުގެ އަދަދު 93 އަށްވުރެ އިތުރު ނުވާގޮތަށް ޤާނޫނަށް އިސްލާހް ހުށަހެޅުމަށް ނިންމަވަފަައިވާކަންވެސް ހާމަކުރައްވާފައެވެ.
"އަޅުގަނޑަށް ހީވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެ ލައްވާނީ މިއަދަދު އިތުރު ނުވާން. މިހާރުވެސް ވަރަށް ބޮޑަށް އިތުރުވެއްޖެ. 77ވެސް ހަޤީގަތުގައި ގިނަ. އެކަމަކު ޤަބޫލުކުރަން ރައްޔިތުން ތަމްސީލް ކުރުން އިތުރުވުމަކީ ޑިމިކްރަސީގައި ރަނގަޅު ކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުނުކުރުމާއެކު ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދުވެސް މިހާރަށްވުރެ އިތުރުނުވާގޮތަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.