ޚަބަރު

ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ: މެޑަމް ސާޖިދާ


  • އެކަމަނާ ވިދާޅުވީ އާއިލާއަކީ އެންމެ ބޮޑު އެއް ނިޢުމަތްކަމަށް

  • އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 15ވަނަ ދުވަހު

އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްގެ އަނބިކަނބަލުން ވިދާޅުވީ ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތްކަމަށެވެ. އެކަމަނާގެ މެސެޖުގައި ވަނީ ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ. އަދި އާއިލާތަކުގެ ދުވަހުގެ މަރްޙަބާއާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް ވަނީ ފޮނުއްވާފައެވެ.

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އާއިލީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމުގެ މަޤްޞަދުގައެވެ.

އާއިލީ މައްސަލަތަކަށް އިސްކަންދީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުން ފެށިގެންނެވެ. އދ. އިން މިފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމީ ޤައުމުތަކަށް އަންނަމުންދާ އިޤްތިސާދީ އަދި އިޖްތިމާއީ ބަދަލުތަކާއި ގުޅިގެން އާއިލީ ގުޅުންތަކަށް ގިނަ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވި މި އަންނަމުންދާ ބަދަލުތަކަށް ޤައުމުތައް ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.

ރާއްޖޭގެ މުޖުތަމައުއަށް ބަލާއިރު، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ އަދި ބަދަހި އާއިލާތަކެއް ބިނާކުރުމަށް ގިނަ މަސައްކަތަކެއް ކުރައްވަމުންނެވެ. އެގޮތުން މިކަމަށް ހާއްސަ ވުޒާރާއެއް އުފައްދާފައިވުމަކީވެސް ސަރުކާރުން މިކަމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވާކަމެކެވެ.