ޚަބަރު

އިސްލާމީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކުވޭތާއެކު މަޝްވަރާކޮށްފި


  • މިއީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު

އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ކުވޭތާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް މިހާރު ކުވެއިތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް ކުވެއިތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އެޤައުމުގެ މިނިސްޓަރ އޮފް އެންޑޯމަންޓްސް އެންޑް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލް-ވަސްމީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދީނީ ކަންކަމާއި އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަޒީރު ޚަލީލުގެ މި ދަތުރުފުޅުގައި ކުވެއިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙުވަންތަ ކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯދުމާގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ކުވޭތުގެ މިނިސްޓަރ އޮފް ފައިނޭންސް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް އެފެއާޒް އެންޑް އިންވެސްޓްމަންޓް ޑރ. ނޫރާ ސުލައިމާން ސާލިމް އަލް-ފައްސާމްއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ރާއްޖޭގެ މިހާރުގެ މާލީ ހާލަތުގެ އިތުރުން އިޤްތިޞާދީ ކުރިއެރުންތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މާލީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރު 3 ދުވަހަށް ކުވޭތަށް ކުރައްވާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުވޭތަކީ ދިވެހިރާއްޖޭއަށް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ޤައުމެކެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑުގެ އެހީ ވަނީ ލިބިފައެވެ. އަދި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަކީ އެ ޤައުމުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ދާއިރާއެވެ.