ޚަބަރު

23 އަހަރުން ދަށުގެ ވޮލީ ޓީމަށް އިރުޝާދުދެމުން އައި ކޯޗު ރާއްޖެ ދޫކޮށް ހިނގައްޖެ!


ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ވޮލީބޯޅަ ޓީމުތައް އެކުލަވާލުމަށް ރާއްޖެ ގެނައި އީރާނުގެ ކޯޗު އަލީ ޕޫރް އަރޫޖީ، ރާއްޖެ ދޫކޮށް ހިނގައްޖެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފައިނަލްގައި ކުޅެ ރާއްޖެއަށް މެޑަލެއް ހޯދުމުގެ އަމާޒުގައި ރާއްޖެގެނައި އީރާނުގެ ތަޖުރިބާކާރު ކޯޗު މާލެ ދޫކޮށް ދިޔައީ ޕްރެކްޓިސް ކުރާނެ ހޯލެއް ނެތުމުން ކަމަށާއި އޭނާ ކުރަން އައި މަސައްކަތް ކުރެވެން ނެތުމުންނެވެ.

"ރޯޑް ޓު އައިއޯއައިޖީ ފައިނަލް" މި ނަމުގައި އީރާނުގެ ކާމިޔާބު ކޯޗު އަލީ ޕޫރްއާއެކު 23 އަހަރުން ދަށުގެ ޤައުމީ ޓީމުތައް އެކުލަވާލުމުގެ ޚާއްސަ ޕްރޮގްރާމެއް ފެށީ 17 އޭޕްރީލް 2025 ގައެވެ. އެހެންނަމަވެސް އެ އަމާޒަށް ވާސިލުވުމަށް ކުރަން ހުރި ކަންކަން ފުރިހަމަ ނުކޮށް އީރާނު ކޯޗު ރާއްޖެ ދޫކޮށްދިއުމާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އެ ކޯޗު ދިޔަނަމަވެސް އެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.

އީރާނުގެ ކޯޗު އަލީ ޕޫރު ރާއްޖެއިން ފުރައިގެން ދިޔަނަމަވެސް މަސައްކަތް ހުއްޓާނުލާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. ޒުވާން ޤައުމީ ޓީމަށް އިރުޝާދުދޭ އިސްކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އާއި ފަތުހުﷲ ވަހީދު (ފައްލޯ) ފައްލޯ އާއި ޑީޑީ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާ ކަމަށް ވީއޭއެމްގެ ރައީސް ވިދާޅުވިއެވެ.

އީރާނު ކޯޗު ފުރައިގެން ދިޔައިރު ޓީމު އެކުލަވާލެވި ކުޅުންތެރި ސެލެކެޓްކޮށް ނިންމާ، ޓީމުގެ ފަރިތަކުރުންތައް ކޮންމެވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައިވެއެވެ.

"ސަރުކާރަށް އިތުބާރު އެބައޮތް، ވޮލީގެ ފަރިތަކުރުންތަކަށް ޖާގަ ހަމަޖައްސައިދޭނެ ކަމުގެ. އީރާނު ކޯޗު ދިޔައީ ކުޅުންތެރިން ހަދަންޖެހޭ ޑައިވްތަކާއި، ޑްރިލްތައް ހެދޭނެ ގޮތެއް ނެތިގެން. އިންޑޯ ކޯޓުގެ ހާލަތު ހުރިގޮތުުން 80 އިންސައްތަ ފަރިތަކުރުންތައް ބާއްވަންޖެހެނީ އައުޓްޑޯގައި. އޭނާ ފުރައިގެން ދިޔަނަމަވެސް އަޅުގަނޑުމެން މިތިބީ ދޫކުރާ އުސޫލަކުން ނޫން" ކަމަށް ލަތީފް ވިދާޅުވިއެވެ.