ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ޚާއްސަ ޕްރޮގްރާމެއް


  • ދިމާވާ ދަތިތައް އެކަކު އަނެކަކަށް ހިއްސާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ

  • މި ޕްރޮގްރާމު ކުރިއަށްގެންދާނީ 6 ހަފްތާއަށް

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމުގެ މަޤްޞަދުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެ ވުޒާރާއާއި މަމްސް އެއިޑުން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް އެކަކު އަނެކަކަށް ހިއްސާކޮށްލެވޭނެފަދަގޮތަަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ބެލެނިވެރިންނަށް އެކަކު އަނެކަކާ ބައްދަލުކޮށް، ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެ ވުޒާރާއިން ނިންމީ، ވުޒާރާއިން ކުރިއަށްގެންދާ 'ހާލު ކިހިނެއް' ޕްރޮގްރާމުގައި ފޭސް 2 ގެ ހިޔާ ޓަވަރ ބްލޮކްތަކަށް ކުރެވުނު ޒިޔާރަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ސަބަބުންކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެއް އެއީ 'ހާލު ކިހިނެއް' ޕްރޮގްރާމް. މި ޕްރޮގްރާމް ފައްޓައިގަތީ ފޭސް 2 ގެ ހިޔާ ޓަވަރ ބްލޮކްސްތަކުގެ ތެރެއިން. މިތަނަށް ކުރެވުނު ޒިޔާރަތްތަކުގައި އަޅުގަނޑުމެންނަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ވަރަށް ގިނައިން ދިމާވި. އޭރުވެސް އެ ފަރާތްތަކުން ބުނީ އެކަނިވެރިކަން ފިލާ އަދި އެހެން ބެލެނިވެރިންނާވެސް ބައްދަލުވާން ބޭނުންކަމަށް،" ވަޒީރު ވިދާޅުވިއެވެ.

އިޖުތިމާޢީ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން ބެލެނިވެރިންނަށް ކުދިން ގެންގުޅޭ ގޮތުގެ ވާހަކަ އެކަކު އަނެކަކަށް ހިއްސާކޮށްލުމުގެ އިތުރުން، ދިމާވާ ދަތިތައް އެކަކު އަނެކަކަށް ހިއްސާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން ކުދިން ބެލުމުގައި އެކި ބެލެނިވެރިން ބޭނުންވާ އުކުޅުތަކާއި، އެކަކު އަނެކަކަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މި ޕްރޮގްރާމުގައި ވާހަކަ ދެކެވިގެންދާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މިގޮތަށް މަޝްވަރާކުރެވެން ފެށުމުން އެ ބެލެނިވެރިންނަށް އެކަނިވެރިކަން ފިލައި، އެހީތެރިކަން ލިބިގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.

އިޖުތިމާޢީ ވުޒާރާއިން ވިދާޅުވީ، ސަޕޯޓް ގްރޫޕުގެ އުސޫލުން މި ޕްރޮގްރާމު ކުރިއަށްގެންދާނީ 6 ހަފްތާއަށް ކަމަށެވެ. އެގޮތުން، ކޮންމެ ގްރޫޕެއްގައިވެސް 10 ބެލެނިވެރިން ބައިވެރިވެ، ޖުމްލަ 13 ބައްދަލުވުން ބޭއްވުމަށް ރާވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ބައްދަލުވުންތައް ކޮންމެ ހަފްތާއެއްގެ ދެ ދުވަހު އޮންނާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ބެލެނިވެރިންނަށް އިތުރު އެހީތެރިކަމާއި އެއްބާރުލުން ލިބި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.