ރެފުރީ އަފްޝީން ނަސީރު ފުރަތަމަ ފަހަރަށް ފީފާގެ ބެޖު ހާސިލުކޮށްފިއެވެ. ރާއްޖޭގެ ގިނަ މުބާރާތްތަކެއްގެ އިތުރުން މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ރެފުރީކަން ކުރި އަފްޝީން މިހާރު އަންނަނީ އޭއެފްސީ ރެޕުރީސް އެކެޑަމީގެ ކޯހެއް ނޭޕާލްގައި ފުރިހަމަކުރަމުންނެވެ.
މިއާއެކު ފީފާައިން ކަނޑައަޅާފައިވާ އަދަދަށް ރާއްޖޭގެ ރެފްރީންއަށް މިއަހަރަށް ބެޖު ވަނީ ދެވިފައެވެ. ރާއްޖޭގައި މިހާރު ފީފާގެ 12 ރެފްރީން އެބަތިއްބެވެ.
ފީފާ ރެފްރީ ބެޖަކީ ގައުމީ ފެންވަރުގައި މެޗުތަކަށް އިންސާފުކުރުމުގައި އެމީހެއްގެ ކިބައިގައި ހުންނަ ޤާބިލުކަމާއި މަތީ ފެންވަރުގެ މުބާރާތްތަކުގައި މެޗު އޮފިޝިއޭޓް ކުރުމާއި، ގެންގުޅޭ ޕްރޮފެޝަނަލް މިންގަނޑަށް ބެލުމަށްފަހު އެގައުމެއްގެ ފުޓްބޯޅަ އިދާރާއިން ފީފާއަށް ހުށަހެޅުމުން ފީފާއިން ބަލާ މިންގަނޑުތައް ހަމަވާ ރެފްރީންނަށް ދޭ ބެޖެކެވެ.
އެ ރެފްރީންނަށް ފީފާ ބެޖު ދިނުމުގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުގެ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތުދީ އެ މެޗުތައް ކުރިޔަށް ގެންދާގޮތާއި އުނދަގޫ މެޗުތައް މެނޭޖްކޮށް ބަލަހައްޓާގޮތް ފީފާއިން މޮނިޓަރކުރެއެވެ.
އަފްޝީންގެ އިތުރުން ރެފްރީ ޒަހީރު ހުސެއިންވެސް ވަނީ ފީފާ ބެޖު ހާސިލްކޮށްފައެވެ. އޭނައަކީ ފީފާ އަދި އޭއެފްސީގެ އެލީޓް ޕެނަލްގައިވެސް ހިމެނޭ ރެފްރީއެކެވެ.
މީގެ އިތުރުން ރާއްޖޭގެ ޢަބްދުﷲ ޝާތިރާއި ރައީފް ރައޫފް ވަނީ ފީފާ އެސިސްޓަންޓް ރެފުރީ ބެޖު ހާސިލުކޮށްފައެވެ.
ދިވެހި ރެފުރީން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް އިންސާފުކޮށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހޯދަމުންނެވެ. ފީފާ ބެޖު ހާސިލްކޮށްފައިވާ 12 ރެފުރީން މިވަގުތު ރާއްޖޭގައި ތިބިއިރު ސަރަހައްދީ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމުގެ އިތުރު ފުރުސަތުތައް ދިވެހި ރެފުރީންނަށް ލިބިގެންދާނެއެވެ.