ޚަބަރު

އައްޑޫގައި ބޭއްވި ހޭންޑްބޯޅަ ކޯޗުންނާއި ރެފުރީންގެ ތަމްރީން ޕްރޮގުރާމް ނިންމާލައިފި


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ކޯޗުންނާއި ރެފުރީން ތަމްރީނުކުރުމުގެ ޕްރޮގުރާމް ނިންމައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

މި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ.

ދިހަ ދުވަހުގެ މުއްތަދަށް އައްޑޫގައި ހިންގި ހޭންޑްބޯޅަ ކޯޗުންނާއި ރެފްރީން ތަމްރީނުކުރުމުގެ ފްރޮގްރާމުގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތައް ނަގައިދީފައިވެއެވެ. ކުޅިވަރު ވުޒާރާއިން ބުނީ މި ދެ ޕްރޮގްރާމުގައި ހޭންޑްބޯލަ ކޯޗުންނާއި ރެފްރީންގެ އަސާސީ މިންގަނޑުތަކާއި އުސޫލުތަކާއި ރިވެތި އަހުލާގު ދެމެހެއްޓުމަށް ބައިވެރިންނަށް ތަމްރީނު ދެވިފައިވާކަމަށެވެ.

ހޭންޑްބޯޅަ ކޯޗިން ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރަކީ އިބްރާހިމް ހައިޝަމް އަބުދުﷲ އެވެ. ރެފްރީ ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރަކީ ޝާމިން އިބްރާހިމްއެވެ.

މި ތަމްރީނު ޕްރޮގްރާމުތައް ކުރިޔަށް ގެންދިޔައީ އޭޕްރީލް 29 ން މެއި 9 ގެ ނިޔަލަށެވެ. ޖުމްލަ 14 ބައިވެރިންނާއި އެކު އައްޑޫ ސިޓީ ފޭދޫގައި ހޭންޑްބޯޅަ ކޯޗިން ކޯސް ކުރިޔަށް ގެންދިޔައިރު ހޭންޑްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ 19 ބައިވެރިންނާއެކު އައްޑޫ ސިޓީ ހިތަދޫގައެވެ.

ކުޅިވަރު ކުރިއަރުވާ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކު ކުޅިވަރާއި ބެހޭ ވުޒާރާއިން ވަރަށް ހާއްސަ އިސްކަންދޭ ދާއިރާތަކެކެވެ.

އެގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުޅިވަރު ވަސީލަތްތަކާއި ފިޓްނެސް ސެންޓަރުތައް އެޅުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުގެ ތިން ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާކަން ފާހަގަ ކުރެއެވެ.

އޭގެތެރޭގައި އެމްޓީސީސީ އާއި ފެނައަކައާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އަންނަނީ ކުޅިވަރު ވުޒާރާއިން ހަވާލުކޮށްފައިވާ މަޝްރޫއުތައް ރަށްރަށުގައި ނިންމުމުގެ މަސައްކަތް ފަށާފައެވެ.

މި ދެ އަހަރުގެ ތެރޭގައި ޤާއިމު ކުރެވޭ ކުޅިވަރު ވަސީލަތްތަކާއި ހިންގޭ، މީހުން ބިނާ ކުރުމުގެ ތަމްރީނު ޕްރޮގްރާމުތަކަކީ ސަރުކާރުން ބައިނަލްއަގްވާމީ ތަޖްރިބާކާރުންގެ އެހީގައި ކުރިޔަށް އޮތް 10 އަހަރަށް ތައްޔާރުކޮށްފައިވާ ރާއްޖޭގެ ކުޅިވަރުގެ މާސްޓަރ ޕްލޭން ތަންފީޒު ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެ ކަންކަމެވެ.