ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 70އަށްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދީފި


  • ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް ވަނީ ފަހިކޮށްދީފައި

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މިނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 70އަށްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ފާހަގަކުރި ޤައުމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނަށް އާއިލީ ލޯބި ހޯދައިދިނުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށެވެ. މިގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 70 އަށްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް ދާއިމީ އާއިލާއެއް ހޯދެންދެން، އެ ކުދިންނަށް އާއިލީ ލޯބީގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އެއް ބޭނުނަމީ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓަރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމެވެ.

'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ އެވުޒާރާއިން ހަމަޖައްސަވާފައެވެ.

ފޮސްޓަރިންގެ ތެރެއިންނާއި، ރީ-އިންޓަގްރޭޝަންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް އިޖްތިމާޢީ ވުޒާރާއިން މަސައްކަތްކުރާ މައިގަނޑު ސަބަބަކީ ކުދިންގެ ހެދިބޮޑުވުމާއި ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅީ، އާއިލީ ގުޅުންތައް ތަޖުރިބާކުރެވޭނެ ރައްކާތެރި އާއިލީ ވެއްޓެއްގައި ކުދިން ހެދިބޮޑުވުންކަމަށްވާތީކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބޭހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.