ކުޑަކުދިންނަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ އަޅާލުމާއި ލޯބި ކަށަވަރުކޮށްދޭންޖެހޭ ބައެކެވެ.
ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލާ، އެކަންކަމަށް ޙައްލުގެނައުމަށް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ އެކި މުޢާޙަދާތަކުގައި ބައިވެރިވެ އެއްބަސްވެފައެވެ. ރާއްޖޭގައި ކުޑަކުދިންގެ ޙައްގުތައް ކަށަވަރުކުރުމަށް ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ތަޢުލީމުގެ ޤާނޫނުވެސް ތަންފީޒް ކުރެއެވެ.
ކުޑަކުދިންގެ ތަޢުލީމުގެ ނިޒާމަކީ އެކުދިންގެ މުޅި ދިރިއުޅުން ބައްޓަންކޮށް އެކުދިންނަކީ ޤައުމުގެ މާދަމާއާއި ޙަވާލުވުމަށް ތިބި މީހުންކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެވެ. ރާއްޖޭގެ ތަޢުލީމުގެ ނިޒާމަކީ ދަރިވަރުންނަށް ފުރިހަމަ ރައްކާތެރިކަމާއި، ދަރިވަރުންގެ ފުރިހަމަ ޤާބިލުކަމަށް ވާޞިލުކޮށްދޭ ނިޒާމަކަށް ހެދުމަށް ކުރެވުނު އެންމެ މުހިއްމުކަމަކީ ތަޢުލީމުގެ ޤާނޫނު ތަސްދީޤުކޮށް ތަންފީޒުކުރަން ފެށުމެވެ.
މިޤާނޫނުގެ ދަށުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ރައްކާތެރިކަމަށްވެސް ބާރުއަޅައެވެ. އެގޮތުން ކޮންމެ ކުއްޖަކީވެސް އުނގެނުމުގެ ޙައްގު ލިބިގެންވާ ކުއްޖަކަށް ހެދުމަށް ޤާނޫނު ލާޒިމުކުރެއެވެ. ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި ދިވެހި ޤައުމުގެ ކަރާމާތް ދަމަހައްޓާ އަދި ދީނާއި ޤައުމުގެ ކުރިއެރުވުމަށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެ ފަދަ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މިޤާނޫނުގެ ދަށުން ކަމާއި ގުޅުންހުރި ހުރިހާ ފަރާތެއްގެ ޒިންމާއެކެވެ.
ކުއްޖާ ސްކޫލަށް ދާކަން ކަށަވަރުކުރުމާއި، ކުއްޖާއަށް ބޭނުންވާ އެންމެހާ ވަޞީލަތް ކަށަވަރުވެފައި ހުރިކަން ޔަޤީންކުރުމަށް މިޤާނޫނުންވަނީ ކަމާބެހޭ ފަރާތްތަކަށް ލާޒިމުކޮށްފައެވެ. ކުޑަކުދިންގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ކުދިންނަށްވެސް މިޤާނޫނުން ތަޢުލީމު ޙާސިލުކުރުމަށް ހުރި ފުރުޞަތުގެ ބޭނުންކޮށް ޤައުމަށް ބޭނުންތެރި ކުއްޖަކަށްވުމަށް ބާރުއަޅައެވެ.
ކުޑަކުދިންނާއި ގުޅޭގޮތުން ޤާނޫނުތައް ތަންފީޒުކުރަމުންދާއިރު ކުޑަކުދިންނާއި ގުޅިގެން ޢާއްމުންވާ މައްސަލަތަކާއި ރިޕޯޓުކުރެވޭ މައްސަލަތައް ވީއެންމެ އަވަހަކަށް ބަލައި ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ ކޮންމެ މުވައްސަސާއަކަށްވަނީ މަތިކޮށްފައެވެ.
ކުޑަކުދިން ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ޤާނޫނުތައް ހެދިދާނެއެވެ. ތަންފީޒުކުރާ އިދާރާތަކުން އެކަންވެސް ކުރައްވާނެއެވެ. އެހެންނަމަވެސް ކުދިން ނުރައްކަލަށް ހުށައެޅުމުގެ ކުރިން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ މީހަކުމެ، އެމީހެއްގެ ޒިންމާއެއްކަމުގައި ހަދައިފިނަމަ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަ މަދުވެ، އެކުދިންނަށް ރައްކާތެރި މާޙައުލެއް ކަށަވަރުކުރެވިދާނެއެވެ.
މިއީ ޓެކްނޮލަޖީގޮތުން ކުރިއަރާފައިވާ ޒަމާނެއްކަމުން އިންޓަނެޓްގެ ޒަރިއްޔާއިން ކުދިންނަށް ލިބޭ ގެއްލުން މަދުކުރުމަށް އެކުދިންގެ މައިންބަފައިން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ.
ކުދިންގެ ރައްކާތެރިކަމާމެދު ޝައްކުކުރެވޭ ކަމެއް ހިމެނޭނަމަ، އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީ މުޖުތަމަޢުގެ ކޮންމެ މީހެއްގެ ޒިންމާއެކެވެ. އެޒިންމާ ނަގައި ޢަމަލުކުރަންފަށަން އެންމެން އަޒުމް ކަނޑައަޅަންވީއެވެ. އެހެނީ އަދުގެ ކުޑަކުދިންނަކީ މާދަމާ މިގައުމުގެ ހުންގާނާ ހަވާލުވާނެ ދަރީންނެވެ.