ޚަބަރު

މިއަހަރު އޯލެވެލް އިމްތިޙާނު ނިންމާ ގިނަ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެ: ތަޢުލީމީ ވަޒީރު


  • 5 މާއްދާއިން ފާސް ނުވިޔަށް އޭލެވެލްއަށް ކިޔެވުމުގެފުރުޞަތު ޖާގައޮތް މިންވަަރަކުން ދޭނެ

  • ޤައުމު ބިނާ ކުރުމުގައި 5 މާއްދާއިން ފާސް ނުވިޔަށް އެކުދިން ޝާމިލް ކުރުން މުހިއްމު

މިއަހަރުގެ އޯލެވެލް އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން 5 މާއްދާއިން ފާސްނުވިނަމަވެސް ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ދޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޓީވީއެމްއިން ގެނެސްދޭ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މިވީ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަތީ ސާނަވީ ތަޢުލީމް ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. މިހާތަނަށް އައިރު މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު ދެމުން އައިސްފައިވަނީ 5 މާއްދާއިން ފާސްވާ ދަރިވަރުންނަށް އެކަނިކަން ވަޒިރު ފާހަގަކުރެއްވިއެވެ. އެއާއެކު އޯލެވެލް އިމްތިޙާނުގައި ބައެއް މާއްދާތަކުން އެންމެ މަތިން ފާސްވިނަމަވެސް ބައެއް ކުދިން މަތީ ސާނަވީއަށް ނުކިޔެވި ބާކީވާކަން ވަޒީރު ފާހަގަކުރެއްވުއެވެ.

ބައެއް ތަފާސްހިސާބުތައް ފާހަގަކުރައްވާ ވަޒީރު ވަނީ އޯލަވެލް އިމްތިޙާނެއްގައި 6000 އެއް ދަރިވަރުން ބައިވެރިވެއްޖެނަމަ 5 މާއްދާއިން ފާސްވާ ނިސްބަތް ހުންނަނީ %50 އިންސައްތައިގައިކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން ހުރިހާ ކުދިންނަށްވެސް ފުރުޞަތު ދިނުމުގެ ގޮތުން އޭލެވެލްއަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އޯލެވެލް އިމްތިޙާން ނިންމާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

"މިކުދިންނަަކީ 16 އަހަރުގެ ކުދިން. ޤާނޫނުގައި މި ބުނާ ކުޑަކުދިންގެ އުމުރުފުރާއަކީ 18 އަހަރު. އެހެންވީމަ މި 16 އަހަރުގެ ކުދިން 5 މާއްދާއިން 50 އިންސައްތަ ފާސްވެފައި ބާކީ ތިބި 3000 ދަރިވަރުން 5 މާއްދާއިން ފާސްނުވާއިރުގައި ތަޢުލީމީ ނިޒާމް ޒަމާނުއްސުރެ ބައްޓަންކޮށްފައި މިއޮތީ އެއްކަލަ 3000 ކުދިން ބާކީ ކޮށްލެވޭ ފަދަ ގޮތަކަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ ޤައުމު ބިނާކުރުމަށް އެކުދިންނަށްވެސް ފުރުޞަތު ދިނުން" ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ޤައުމު ބިނާކުރުމަށް އެކުދިންނަށްވެސް ފުރުޞަތު ދީގެން ކުދިން ބާކީ ނުކުރުމުގެ ސިޔާސަތެއް ރާއްޖޭގައި އާލާކުރުންކަމަށެވެ. މިފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރެވިއްޖެނަމަ ރާއްޖޭގައި އެތަކެއް ކުދިންނަށް ރަސްމީ ތަޢުލީމްގެ ނިޒާމުން އިތުރު ފުރުޞަތެއް ލިބި ޤައުމުގެ އިންސާނީ ވަޞީލަތް ބިނާ ކުރުމަށް ވަރަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިޙާނު 7000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ހަދަމުންނެވެ.