ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް މިއަހަރުގެ އެޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ސްކޮލަރޝިޕްގެ އިތުރުން ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރުވަރުންނާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެ ވުޒާރާއިން ވަނީ 55.5 މިލިޔަން ރުފިޔާ ސްކޮލަރޝިޕްގެ ގޮތުގައި ދޫކޮށްފައެވެ. މިއީ ޖުމްލަ 751 ދަރިވަރުންނަށް އެހީތެރިވެދީފައިވާ އަދަދެކެވެ. މީގެ ތެރެއިން 34 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 25 އަންހެން ކުދިންނާއި 9 ފިރިހެން ކުދިންނެވެ.
މީގެ އިތުރުން، 717 ދަރިވަރުން މިހާރުވެސް މި ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 456 އަންހެން އަދި 250 ފިރިހެން ކުދިންނެވެ.
As of April 2025, MVR 55.5 million has been disbursed, supporting a total of 751 students, with 34 students having successfully completed their scholarships and 717 currently pursuing their studies. pic.twitter.com/a94VqDjFUT
— Min. of Higher Edu, Labour and Skills Development (@MoHEmv) May 9, 2025
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހިލޭ ޑީގްރީ ސްކީމަށް އެކަނިވެސް 51.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 8,327 ދަރިވަރުންނަށް އެހީތެރިވެދިނުމަށް ދޫކުރެވިފައިވާ އަދަދުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 5،258 އަންހެން ކުދިންނާއި 3،069 ފިރިހެން ދަރިވަރުންނެވެ.
Over MVR 51.7 Million disbursed under the Higher Education First Degree Scheme, supporting 8,327 students across the Maldives till April 2025. pic.twitter.com/5ap3X1s9Fy
— Min. of Higher Edu, Labour and Skills Development (@MoHEmv) May 8, 2025
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުުރުޞަތުގައި ޖުމްލަ 1338 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. މީގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި މުޅިން އަލަށް ހުށަހެޅި 913 އެޕްލިކޭޝަނަކާއި، ސްޓޫޑެންޓް ލޯނުގެ އެހީގައި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޑޮޕް-އަޕްގެ ގޮތުގައި 259 އެޕްލިކޭޝަން ހިމެނެއެވެ.
މި އަހަރުގެ ލޯނު ސްކީމުގައި އިސްކަން ދީފައިވަނީ ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ލިސްޓުގައި ހިމެނޭ ދާއިރާތަކަށް އެދޭ ފަރާތްތަކަށްކަމަށާއި، މި ލޯނު ސްކީމުގެ ދެބައިކުޅަ އެއްބައި ޚާއްޞަކުރެވިފައިވަނީ މި ފަރާތްތަކަށްކަމަށް އެ ވުޒާރާއިން ވުދާޅުވިއެވެ. އަދި މި ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލޯނަށް ހޮވުމުގެ މަރުޙަލާގައި އިތުރު 10 ޕޮއިންޓް ލިބޭނެކަމަށްވެސް ވުޒާރާއިން މައުލޫމާތުދެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު މި ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށް މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު މީގެ ކުރިން ވިދާޅުވިއެވެ.
މި ސްކީމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ. އަދި މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށް 71 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.