ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބޭއްވުމަށް ނިންމާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "ހިޔާ ޕާކު" ސަރަހައްދުގައެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުޑަކުދިން ޝައުޤުވެރިވާފަދަ ގިނަ ހަރަކާތްތަކެއް މިހަވީރުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މަޝްހޫރު ފިލްމް ކެރެކްޓަރތަކުގެ ހަރަކާތްތަކާއި ކުޑަކުދިން ޝައުޤުވެރިވާ ތަފާތު ކުޅިވަރުތައް ކުޅެވެން ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައްވެސް އެ ތަނުން ފެންނާނެކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ލިބޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިހަވީރު ކުރިއަށްދާނީ ކުޑަކުދިންގެ ދުވަސް ކަމަށްވާ މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ. އަދި އެ ދުވަހުގެ ރޭގަނޑު 8:00 ގައި ސިނަމާއެއްގެ ތަޖުރިބާ ކުރެވޭ ގޮތަށް ކުޑަކުދިންނަށް ޚާއްސަކޮށް ފިލްމު ބެލުމުގެ ހަރަކާތެއްވެސް ހިޔާ ޕާކުގައި އޮންނާނެކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ ގުޅިގެންނެވެ. އަދި ފިލްމު ބެލުމުގެ ހަރަކާތް ބާއްވަނީ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ.