ފުޓްބޯޅަ ހިފެހެއްޓޭނީ މުބާރާތްތައް ގިނައިން ބާއްވައިގެން، ކުދިންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދީގެން ކަމަށް ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ސޮކަރ ވެޓެރަންސްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފުޓްބޯޅަ މިހާ ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި ފުޓްބޯޅަ މަތިން ކުޑަކުދިން ފޫހިކޮށްނުލައި، އެކުދިން ގޮވައިގެން އުޅެވޭ މާހައުލެއް ފަހިކޮށްދިނުމަށް ކަމަށެވެ.
ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ރާވާ ހިންގުމުގައި އިސް ދައުރެއް އަދާކުރާ ސޮކަރ ވެޓެރަންސްއިން މި އަހަރު ކުރިއަށްގެންދިޔަ މައިލޯ އެކެޑަމީ ފިއެސްޓާ އަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެ އެސޯސިއޭޝަންގެ ރައީސް ޝަމީމް ވިދާޅުވީ މުބާރާތްތައް ނުކުޅޭނަމަ އެކެޑަމީތަކަށް ފަރިތަކުރުންތަކަށްދާ ހުނަރުވެރި ކުދިންގެ ހުނަރުވެސް ނުފެންނާނެ ކަމަށެވެ.
"އެކުދިންގެ ހުނަރު އެކަޑަމީތަކަށް ދިޔަސް މޮޅުވާވަރެއްވެސް މުބާރާތެއްގައި ނުކުޅެންޏާ ނުފެންނާނެ." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އެކުދިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު މުބާރާތްތަކުން ފަހިކޮށްދޭން ޖެހޭ ކަމަށާއި، އެކި ޓީމުތަކާއެކު ކުޅެ މެޗުތަކުގައި ކުދިންނަށް ލިބޭ ކާމިޔާބީއަށްފަހު އެކުދިން އެ އުފާފާޅުކުރާ ގޮތްތަކާއި ކަންކަން ފެނިގެންދާނީ މުބާރާތްތައް ބޭއްވިގެން ކަމަށެވެ.
ސޮކަރ ވެޓެރަންސްއިން ކުރިއަށްގެންދިޔަ އެކެޑަމީ ޗެމްޕިއަންޝީިޕް ރަސްމީ މުބާރާތްތައް ބާއްވާ އުސޫލުން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބޮޑެތި މުބާރާތްތަކަށް ކުދިން ހޭނުވުން ކަމަށްވެސް ޝަމީމް ފާހަގަކުރެއްވިއެވެ.
"ގައުމީ ސަލާމުން މެޗު ފެށުމާއި، ރެފްރީންލައިގެން މިކަން މިކުރަނީ ފުޓްބޯޅައިގެ ކަންތައް އޮންނަގޮތް، އެ ފީލް ކުދިންނަށް ގެނެސްދިނުމަށް" ޝަމީމް ވިދާޅުވިއެވެ.
ފުޓްބޯޅައިގެ ކާނިވަލެއްހެން ކުރިއަށްގެންދިޔަ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕަކީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު މުބާރާތެއް ކަމަށާއި، ސޮކަރ ވެޓެރަންސްއިން ބަލަނީ އެފަދަ މުބާރާތްތަކުގައި ވީހާވެސް ގިނަ ރަށްރަށް ފުރުސަތު ދެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެއްވެސް ފީއަކާ ނުލައި 12 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ހުޅުވާލުމުން 26 އެކެޑަމީއަކުން ވަނީ 44 ޓީމު މުބާރާތުގައި ވާދަކޮށްފައެވެ. އަދި ހުރިހާ ޓީމުތަކަށް މެޑެލް ހަވާލުކޮށް، ޗެމްޕިއަން ޓީމާއި ރަނަރަޕް އަދި ތިންވަނަ ޓީމަށްވެސް ފައިސާގެ އިނާމުދީގެން ކުރިއަށްގެންދިޔަ އެކެޑަމީ ޗެމްޕިއަންޝިޕުގެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ސްފޮންސަރުންގެ އެހީތެރިކަމާއެކުގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އަދި މުބާރާތުގެ ތެރެއިން އެއްވެސް މައްސަލައެއް މެދުވެރިނުވެ ކުޅުމުގެ ތެރެއިން އެއްވެސް މެޗެއް ހުއްޓާނުލައި ކުރިއަށް ގެންގޮސް، ކާމިޔާބުކަމާއެކު ނިންމާލެވުނީ މެޗުތައް ފެށުމުގެ މާކުރިން އައިސް ދަނޑުގެ ކަންކަން އިންތިޒާމުކުރުމުގައި ވަރުބަލިކަމެއް ނެތި އުޅުނު ފަރާތްތަކުން ބެހެއްޓި ޝައުގުވެރިކަމާއި، އެ ކޮށްދިން ޚިދުމަތުގެ ސަބަބުން ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.