އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މެދުގައި އެއިރެއްގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަތުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ރާއީސުލްޖުމްހޫރިއްޔާ ވަނީ "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"ވާނުވާ ބަންދު"ގައި މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެތެރޭގައި ތިބިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިފަދަ ގޮތަކަށް އެފަދަ މީހުން ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ.
ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރެވިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. މިވަގުތު ޤާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މައްސަލައަށް ފުރިހަމަ ގޮތެއްގައި، ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.
"ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް މިހާރުން މިހާރަށް ހޯދެންހުރި ޙައްލުތައް ހޯއްދެވުމަށްއަދުގެ ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ކުށުގެ ތުހުމަތުގެ ބަންދުގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިންގް ސިސްޓަމެއް ނުވަތަ އެފަދަ މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫދެވޭ މީހުންނަށް ހެދުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް، މިހާރުވެސް ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީސް އަދި ބަންޑާރަނައިބު (އޭ.ޖީ) އޮފީހާ ޙަވާލުކުރައްވާފައި ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މީގެ އިތުރުން ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކީން ބެލުމަށްވެސް، ޕީ.ޖީ އޮފީހަށް އަންގަވާފައި ވާނެ. މިހާރު މި ރާއްޖޭގައި އޮތީ އަގުބޮޑު ކަފާލާތުގެ ނިޒާމެއް، އެ ޤާބިލުކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު އޮތް ކަމުގައި ވީ ނަމަވެސް އެ ފުރުޞަތު އޮންނަނީ ބޮޑެތި ނޫން ކުށްތަކަށް. އަދި މި ފަދަ ގޮތްގޮތަށް ދެވޭ ލުއިތަކުގައި، ޖިންސީ ކުށުގެ ތުހުމަތުގައި، ވަކިން ޚާއްޞަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް ލުއިދެވޭނެ ގޮތެއް ނޯންނާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން، ނުވަތަ "ވާނުވާ ބަންދު"ގެ މައްސަލަ ޙައްލުކުރުމަށް ކަމާއި ގުޅޭ ދެ ފޯރަމެއް މިއަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ ފޯރަމް ޚާއްޞަކުރެއްވީ ޝަރުޢީ ދާއިރާ ފިޔަވާ މިކަމުގައި ހިމެނޭ އެހެން ފަރާތްތަކަށެވެ. އަދި ދެވަނަ ފޯރަމް ކުރިއަށް ގެންދެވީ ޝަރުޢީ ދާއިރާއަށް އަމާޒުކޮށްގެންނެވެ.
"ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމުގައި ވާއިރު، މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގައާއި ވަޞީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަކީ ޝަރުޢީ ދާއިރާގެ ތެރެއިން ކުރައްވަންޖެހޭ ކަމެއް ކަމަށާ، އެކަންކަން ކުރުމަށް، ފުރހަމަކުރަންޖެހޭ އިންތިޒާމުތައް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ހުޅުމާލޭގައި ތަރައްޤީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު، ޝަރުޢީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަންވެސް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައިއެވެ. މިއާއެކު، އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުޞަތު ފަހިވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކުށުގެ ތުހުމަތުގައި މީހަކު ބަހައްޓާފައި ހުންނަ ތަނަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ތަނަކަށް ވާންޖުނަމަވެސް، ކުށުގެ ތުހުމަތުގައި ބައެއް މީހުން މިވަގުތު ތިބި ތަންތަނުގެ ހާލަތު ދަށްކަމަށާއި، އިންސާނީ ކަރަމާތްވެސް ހިމާޔަތް ކުރެވޭނެ ހާލަތު، އެތަންތަނުގައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަމަކީ ސީރިއަސްކަމާއެކު ބައްލަވާނެ މައްސަލައެއް ކަމަށާ، ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އުތުރުތިލަފަޅުގައި ތަރައްޤީކުރައްވާ، މި ސަރަޙައްދުގެ އެންމެ ބޮޑު "ކޮމްޕޮސިޓް" ޖަލުގެ މަޝްރޫޢަށް އަލިއަޅުވާލައްވާފައެވެ. މި ޖަލަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ރަނގަޅު ޙާލަތެއްގައި ތަރައްޤީ ކުރެވިގެންދާނެ ޖަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ މިމަޝްރޫޢަށް ވުނޭރުން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށާ، މިއީ ދުރުރާސްތާ ޙައްލެއް ކަމުގައި ވީ ނަމަވެސް، މި މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.