ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައިފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުން ހަދިޔާ ކުރުމަށް ނިންމަވާފައިވާ "ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް" ގެ ދެ އުޅަނދު ހަދިޔާކުރުމާގުޅޭގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ދެމުން ގެންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
"މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވޭ އުޅަނދުތައް އިތުރުރުވުމާއި ގުޅިގެން، ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ". ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
މީގެއިތުރުން ދެޤައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ޝުުކުރުއަދާކުރައްވާފައެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި 400 މިލިއަން ޖަޕާނީސް ޔެން (2.8 އެމެރިކާ ޑޮލަރު) ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.