ޚަބަރު

ވިއްސާރައާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ގާތުން ބަލައި މޮނިޓރަކުރުމުގެ މަސައްކަތް ފަށައިފި


  • ރާއްޖޭގެ އަތޮޅުތައް 7 ކްލަސްޓަރއަކަށް ވަނީ ބަހާލާފައި

  • ރަށްތަކަށް ގުޅޭ މަޢުލޫމާތު ދަނީ ސާފުކުރަމުން

ރާއްޖޭގެ އެކި ހިސާބުތަަކަށް މިހާރު ކުރާ ވިއްސާރައާ ގުޅިގެން، ޚާއްޞަ އިސްކަމެއްދީގެން މުޅި ރާއްޖެ މޮނިޓަރކޮށް ޙާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ދެމޫސުން ބެދޭ ވިއްސާރައެވެ. މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ މޫސުމީ ސަމާލުތައްވެސް ނެރެމުންނެވެ.

ސިޓީތަކާ އިދާރީދާއިތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެކިއެކި ކްލަޓަރތަކަށް ގުޅާ، ރަށްތަކުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ރައްރަށުގެ އާއްމު ޙާލަތާ އަދި ވިއްސާރައިގައި ރަށްރަށަށް ގެއްލުންވަމުންދޭތޯ ދަނީ ބަލަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ރިޕޯޓެއްގެ ލިބިފައިނުވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މިފަދަ ހާލަތްތަކުގައި ރަށްރަށުގެ ހާލަތު ގާތުން ދެނެގަނެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، ރާއްޖޭގެ ސަރަޙައްދުތައް ވަނީ 7 ކްލަސްޓަރއަށް ބަހާލާފައެވެ. އަދި އެ ކްލަސްޓަރތަކަށް އެގްޒެކެޓިވުންނާއި ކޯޑިނޭޓަރުން ވަނީ ހަމަޖައްސާފައެވެ.

ވިއްސާރައާއި ގުޅިގެން އެހީތެރިކަން ދޭންޖެހޭ ޙާލަތަށްވެސް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ތައްޔާރުވެފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކޮށްފަވަނީ ހުކުރުދުވަހުން ފެށިގެންނެވެ.