ކުޅިވަރު

ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ދެ އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު ގދ. ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން އެކްސްގައި ކޮށްފައިވާ ޓުވީޓަކުން މިކަން ހާމަކޮށްފަވާއިރު، އެރަށުގައި އެކުންފުނިން ކުރަން ހަމަޖެހިފައިވަނީ ދަނޑުގެ ސަބްބޭސްގެ މަސައްކަތްކަމަށް ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް އަހުމަދު އިމްތިޔާޒްވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިންތިޔާޒް ވިދާޅުވީ އެދަނޑަކީ މީގެ ކުރިންވެސް ބޭނުންކުރި ދަނޑެއްކަމަށެވެ. އެހެންނަމަވެސް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް މީގެ ދެ އަހަރުކުރިން ފެށުނުނަމަވެސް ވަކި ހިސާބަކުން މަސައްކަތްހުއްޓި ދިގުލައިގެންދިޔައީކަމަށެވެ.
ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިފަވާއިރު މިހާރު ކުރިއަށްދަނީ ސަބްބޭސް ހެދުމުގެ މަސައްކަތްކަމަށް އޭނާވަނީ ވިދާޅުވެފައެވެ. މިގޮތުން ކަޅުފަސްތައް ނަގާ، ދޮންވެލި އަޅާފައިވާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. އަދި ފުރަތަމަ ލޭޔަރުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ ދެން އޮތީ ދެވަނަ ލޭޔަރުގެ މަސައްކަތް ފެށުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކަޅުފަސްތައް ނަގާ ދޮންފަސް އަޅާފަ މިހާރު ފުރަތަމަ ލޭޔަރު ނިންމާ ދެވަނަ ދެވަނަ ލޭޔަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އޮތީ" އިމްތިޔާޒް ވިދާޅުވިއެވެ.

މިމަސައްކަތް ނުހުއްޓި ކުރިއަށްދާނަމަ ގާތްގަނޑަކަށް ދެތިން މަސްދުވަހުން ނިމޭނެކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުމުން ކުޅިވަރުގެ ދާއިރާއިން ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ކައުންސިލުގެ ރައީސްވަނީ ވިދާޅުވެފައެވެ.
"މިއީ ފުޓުބޯޅައިގެ ރަށެއް. ދަނޑުގެ އުންމީދުގައި ރަށުގެ ޒުވާނުން ތިބޭތާ ދެއަހަރުވެއްޖެ. އެހެންވީމަ މިތަނަކީ ޒުވާނުންގެ ހުވަފެންތަކާ ގުޅިފައިވާ ތަނެއް" އިމްތިޔާޒް ހާމަކުރެއްވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ފުޓުބޯޅަދަނޑު ތަރައްޤީކޮށް ނިމޭއިރު އެދަނޑުގެ ވަށައިގެން ދުވާ ޓްރެކެއްވެސް އޮންނާނެކަމަށެވެ. މިތަނަކީ ކަސްރަތުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައްޔާރުކުރެވޭތަނަކަށްވާއިރު، ރަށު ސްކޫލުގެ ދަރިވަރުންނަށް ބޭއްވޭ އެތުލެޓިކްސްފަދަ ހަރަކާތްތައްވެސް އިންތިޒާމުކުރެވޭނީ އެ ޓްރެކްގައިކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި މި ޓްރެކް ފަރުމާކޮށްފަވަނީ ހުރިހާ ވަގުތަކުވެސް ބޭނުންކުރެވޭނެފަދަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިދަނޑު ނިމުމުން ފުޓުބޯޅައިގެ ފޯރި އަލުން އާލާވާނެ. ރަށު ފެންވަރުގަޔާ، އަތޮޅު ފެންވަރުގެ ގިނަ މުބާރާތްތަކެއް މި ދަނޑުން ފެންނާނެކަމަށް ގަބޫލުކުރެވޭ. މިއީ ފުޓުބޯޅައިގެ ފޯރި ގަދަ ރަށެއް" އިމްތިޔާޒު ވިދާޅުވެފަވެއެވެ.

1800 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ގދ. ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑާއެކު ކުޅިވަރުގެ ދާއިރާއިން ރަށަށް ގިނަގުނަ ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫލުކުރެވޭއިރު، ކުޅިވަރު ހުއްޓިފައިވާ މިފަދަ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ގެންދަވަނީ ހަލުވިދުވެލީގައި މަސައްކަތްކުރައްވަމުންނެވެ.