ޚަބަރު

އޮރެންޖު ހިޔާއަށް ބަސް ހުއްޓިއެއް، މިއަދުން ފެށިގެން ޚިދުމަތް ދޭނެ


  • އާރު 5 ރޫޓުގެ ބަސް އޮރެންޖު ހިޔާއަށް މަޑުކުރާނެ

  • މާލެއިން އޮރެންޖު ހިޔާއަށް ދާ މީހުންނަށް އާރު15 ނަމުގައި ބަސް ރޫޓެއް ވަނީ ތައާރަފްކޮށްފައި

ތެލެސީމިއާ ސެންޓަރުގެ އައު އިމާރާތް ޤާއިމްކުރަމުން އަންނަ ހުޅުމާލޭ "އޮރެންޖު ހިޔާ"އަށް ޚާއްސަކޮށްގެން ބަސް ހުއްޓިއެއް އިތުރުކޮށްފައިވާކަމަށާއި، މިއަދުން ފެށިގެން އެބަސް ހުއްްޓިން ޚިދުމަތް ދޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީިން ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ސެންޓަރަށް އައު ޢިމާރާތެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އޮރެންޖު ހިޔާގެ ނަމުގައި ޢިމާރާތްކުރާ ތެލެސީމިއާ ސެންޓަރަށް ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ކަނޑައަޅުއްވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރުމާއި ގުޅިގެން މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެއްވި އިރުޝާދުގައެވެ.

އެމްޓީސީސީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އޮރެންޖު ހިޔާއަށް ޚިދުމަތް ހޯދަން ދިޔުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެސަރަހައްދަށް ބަސް ހުއްޓިއެއް އިތުރުކޮށްފައިވާކަމަށެވެ.

އެގޮތުން ހުޅުމާލެ ފޭސް އެކަކާއި، ދޭކަށް ދަތުރުކުރާ އާރު 5 ރޫޓުގެ ބަސް އޮރެންޖު ހިޔާއަށް މަޑުކުރާ ގޮތަށް ބަސް ހުއްޓިއެއް އިތުރުކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި މާލެއިން އޮރެންޖު ހިޔާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި އާރު 15 ނަމުގައި އިތުރު ބަސް ރޫޓެއް ތައާރަފްކޮށްފައިވަކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ، މިއަދު 13:30އިން ފެށިގެން ދެ ރޫޓުންވެސް އޮރެންޖު ހިޔާ ބަސްހުއްޓިއަށް ޚިދުމަތް ދޭނެކަމަަށެވެ.

ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި އެތަން ހުޅުވަން ނިންމާފައިވަނީ ދުނިޔޭގެ ތެލެސީމިއާ ދުވަސްކަމުގައިވާ، މިމެއި މަހުގެ 8 ވަނަ ދުވަހުއެވެ. ތެލެސީމިއާ ސެންޓަރުގެ މަސައްކަތް، ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.

ތެލަސީމިއާ ކުދިންނާއި އާއިލާތަކަށް ހުރި ހުރިހާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.