މިއަދު ދުނިޔެ މިވަނީ ފުޅާދާއިރާއެއްގައި ހުޅުވާލެވިފައެވެ. ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހުރަހެއްނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ތާޒާ ޚަބަރާއި މަޢުލޫމާތު މީސް މީޑިއާއާއި ޚަބަރުފަތުރާ ތަފާތު ވަޞީލަތްތަކުގެ ޒަރިއްޔާއިން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނާ ހަމައަށް ފޯރައެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 3ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
މިޒަމާނުގައި މިނިވަން ނޫސްވެރިކަމާއި ޑިމޮކްރަސީއަކީ އެކަތި އަނެކެއްޗާ ގުޅިލާމެހިފައިވާ އެއްވަންތަ ދެ ކަނބައެވެ. މިހެން ބުނެވެނީ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް އެކަށީގެންވާ ގޮތެއްގައި ހިނގަމުން ދާނީ، ޑިމޮކްރަސީގެ 3 ބާރު އޮވެފައި، އެތިންބާރުގެ މައްޗަށް ފާރަވެރިވާނޭ 4ވަނަ ބާރެއް ވުޖޫދުގައި އޮވެގެންވެގެންކަމަށްވާތީއެވެ. މިގޮތުން ޑިމޮކްރަސީގެ މި 4ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ގާނޫނު އަސާސީން ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ.
މިއަދު މިނިވަން ނޫސްވެރިމަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮބާކަން ބަލާލަންޖެހެއެވެ. އެގޮތުން، ރިޕޯޓަރސް ވިތައުޓް ބޯޑަރސް، އާރު.އެސް.އެފްއިން ނޫސްވެރިކަމުގެ މިނިވަންކަން މާނަކުރަނީ، ނޫސްވެރިންނާއި މީޑިއާ ވަސީލަތްތަކަށް، ސަރުކާރުތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ނުވަތަ އެހެނިހެން ބާރުތަކުން އެއްވެސް ހުރަހެއް ނުވަތަ ސެންސަރޝިޕެއް ނުވަތަ ބިރުދެއްކުމެއް ނެތި، މިނިވަންކަމާއެކު ޚަބަރާއި މަޢުލޫމާތު އެއްކޮށް، އުފައްދައި އަދި ފެތުރުމުގެ ޤާބިލުކަން ލިބިގެންވާ މިންވަރަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި "ނޫސްވެރިކަން ކުރުމުގެ މިނިވަންކަމާއި، ނޫސްމަޖައްލާ ފަދަ ތަކެތި ނެރުމުގެ މިނިވަންކަމާއި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މިގޮތުން އެއްވެސް މީހަކު ދައްކާ ވާހަކައަކަށް، ނުވަތަ ފާޅުކުރާ ޚިޔާލަކަށް، ނުވަތަ ދޭ މަޢުލޫމާތަކަށް، ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ ހުރަސްއެޅުމާއި، އަދަބުދިނުމަކީ މަނާކަމެކެވެ" މިއީ ނޫސްވެރިކަމުގެ މިނިވަންކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިންވަރެވެ.
ޤާނޫނު އަސާސީން ނޫސްވެރިންގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީނަމަވެސް އަޅުގަނޑުމެންގެ ތާރީޚުން ފެނިގެންދަނީ ދިމާ އިދިކޮޅެވެ. ތާރީޚަށް ނަޒަރުހިންގާލާއިރު އެއްއިރެއްގައި ނޫސްވެރިން ތިބީ ކަންބޮޑުވުމާއި ނަމާންކަމާއި ހާސްކަމުގެ ތެރޭގައެވެ. ލިޔެލާ އެއްޗަކުން ނުވަތަ ފާޅުކުރާ ޝުއޫރަކުން ޖެހިގެން އަންނަ ދުވަހު ކުރިމަތިލާންޖެހިދާނެކަމަކާއި ވިސްނާލަ ވިސްނާލައެވެ. ހަމައެއާއެކު، ނޫސްވެރިން މަރާ ހަނގުރާމަކުރަން ޖެހުނު ހިސާބަށް ކަންތައް ދިޔަކަން އަޅުގަނޑުމެންގެ ތާރީޚުން ފެނިގެންދެއެވެ.
ނޫސްވެރިންނަށް ދައުވާ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިގެން ދިޔަ ހުރަހުގެ ނަތީޖާއަކަށްވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދުވަހަކުވެސް ރާއްޖެ ނުވެއްޓެހާ ދަށަށް ވެއްޓިގެން ދިއުމެވެ. އެކަން ހައްލުކުރުމަށް ޤާނޫނަކުން ނޫސްވެރިން ބަނދެވެމުން ދިޔަ އަބުރުގެ ޤާނޫނު އުވާލެވިގެންދިޔައެވެ.
ނޫސްވެރިންނަށް ލިބުނު ފުރިހަމަ މިނިވަންކަން މިއަދު ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކާއި އޮންލައިންތައް ބަލާލުމުން ފެނެއެވެ. ނޫސްވެރިން އެމީހުންނަށް ފެންނަ ކޮންމެކަމެއް ރިޕޯޓްކުރަނީއެވެ. ސަރުކާރަށް ފާޑުކިޔުންކަމުގައި ވިޔަސް ނުވަތަ ސަރުކާރުގެ ތެރޭގައި ހުރި މައްސަލައެއް އާންމުންނަށް ތިލަކޮށް އެވާހަކަތައްވެސް ދައްކަނީއެވެ.
ނޫސްވެރިން މިގޮތަށް ތިލަކުރަމުންދާ ވާހަކަތަކުގެ ސަބަބުން ނޫސްވެރިޔާ ހައްޔަރުކުރުމުގެ ބަދަލުގައި އަދުގެ ސަރުކާރުން ދަނީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ޖަވާބުދާރީވަމުންނެވެ. ތާރީޚުގައި ހިނގާފަހުރި ހިތްދަތި ހާދިސާތަކުން އިބުރަތް ލިބިގަނެ، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނެކޭވެސް އެެއްފަދައިން ނޫސްވެރިންނަށް ލިބިދޭންޖެހޭ ހައްޤުތައް އެމީހުންނަށް ކަށަވަރުކޮށްދިނުމެވެ.
ދިވެހި މީޑިއާތަކާ ނޫސްވެރިންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް އަދުގެ ސަރުކާރުން ވަނީ ދެއްވާފައެވެ. އަދި ނޫސްވެރިންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީވެސް އަދުގެ ސަރުކާރުން ތާއަބަދަށް ނަގަހައްޓާނޭ މުހިންމު ސިޔާސަތެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ނަމޫނާ މިފަހުން ވަނީ ފެނިގެންގޮސްފައެވެ. ރާއްޖޭގެ ދެ މީޑިއާއަކަށް ކާކުކަން ނޭނގޭ ބަޔަކު ދިން އިންޒާރު ފިނިގޮތަކަށް ނެގުމުގެ ބަދަލުގައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުތަކުން ރާއްޖެ ބަލައިގަންނަ މިންވަރު އިތުރުފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން، ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން އެކުލަވާލި މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓުގައި ޖުމްލަ 180 ޤައުމުގެ މައުލޫމާތު ހިމަނާފައިވާއިރު، މި ލިސްޓުގައި މިހާރު ރާއްޖެ ހިމެނެނީ 104 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ މި ލިސްޓުގެ 106 ވަނައިގައެވެ. ވުމާއެކު، މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 2 ދަރަޖައިގެ އިތުރުވުމެކެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރެވުނު ނަމަވެސް ނޫސްވެރިން ޚާބަރާއި މައުލޫމާތު ފޯރުކޮށްދޭން ޖެހޭނީ ޒިންމާދާރުކަމާއެކު އެއްވެސް ބިރުވެރިކަމެއްނެތިއެވެ. މީޑިއާތަކުން ފަތުރާ ޚަބަރުތަކުގެ ސަބަބުން މީޑިއާތަކަށާއި ނޫސްވެރިންނަށް އިންޒާރުތައް ދިނުމަކީ އަދިވެސް މަދުން ނަމަވެސް ރާއްޖޭގައި ފެންނަ ކަމެކެވެ. ރައްޔިތުން ކުރާ އިތުބާރުގެ ނާޖާއިޒު ފައިދާ ނަގައި ދޮގު މަޢުލޫމާތާއި ޚަބަރު ފަތުރާ ލިބިފައިވާ މިނިވަންކަމުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ މީހުންވެސް މިހާރު ރާއްޖޭގައި މަދެއްނޫނެވެ.