ބިދޭސީންނާގުޅޭ ހުރިހާކަމެއް އެއް އިދާރާއެއްގެ ދަށަށް އައުމަކީ ބިދޭސީ މަސައްކަތެރިންނާގުޅޭ ކަންކަން ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޕީއެސްއެމްނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގައިވެސް ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ އަދަދު އެހާބޮޑަށް އިތުރުވެފައިވަނީ މި މައްސަލަ ހައްލުކުރުމަށް އިދާރާތަކުން ގުޅިގެން މަސައްކަތްކޮށްފާ ނުވުމުގެ ސަބަބުންކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ކުރީގަވެސް އެންފޯސްމެންޓްގެ މަސައްކަތް ބޭނުންވާ ލެވެލްގަ ހާސިލްނުވެފަ މިއޮތީ ކުރީ ސަރުކާރުތަކުންވެސް ސޯލޯގޮތަށް މަސައްކަތް ކުރަމުންދިއުމުގެ ސަބަބުން. މިސާލަކަށް އިމިގްރޭޝަން ވަކިން، ފުލުހުން ވަކިން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ ވަކިން މަސައްކަތްކުރަމުން ދިޔައީ. މީގެ އިތުރުން އެއިރެއްގަ އިންނަ ފޮރިން ލޭބަރ ރެގިއުލޭޓްކުރާ ޑިޕާޓްމެންޓުން ވަކިން މަސައްކަތްކުރުން." ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ކުރީ ސަރުކާރުތަކުން މަސައްކަތްކުރަމުންދިޔަ ގޮތާ ޚިލާފަށް މި ސަރުކާރުން މަސައްކަތްކުރަމުންދަނީ ކަމާ ގުޅޭ ހުރިހާ އިދާރާތަކުން ގުޅިގެން، ހޯމް ޓީމެއްގެ ގޮތުގައިކަމަށެވެ. ހޯމް ޓީމްގެ ތެރޭގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި އިމިގްރޭޝަން އަދި ފުލުހުންގެ ޚިދުމަތް ފަދަ ކަމާ ގުޅުންހުރި އިދާރާތައް ހިމެނޭކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ޤާއިމްކުރެވި ފުލުހުންގެ ޚިދުމަތް ދޭން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޚިދުމަތާއެކު އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، ބައޯމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށް، މި ނިޒާމު އިތުރަށް ހަރުދަނާކުރެވި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހޯމް ޓީމްގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއާއެކު، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެންމަ ކުރީގަ ނެތް ސިނާރޖީ އަޅުގަނޑުމެންނަށް މިހާރު ގެނެވޭނެ. ކުރީގަ ނެތް އެންފޯސްމަންޓް އޮތޯރިޓީ އަޅުނޑުމެންނަށް ގެނެވޭނެ. އަދި ކުރީގަ ނެތް ޕެނިޓްރޭޝަން އަޅުގަނޑުމެންނަށް ގެނެވޭނެ ރާއްޖޭގެ ހުރިހާ ރަށްތަކަށް." ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ ކަންތައްތަކުގެ ސަބަބުން މި ސަރުކާރުން ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ތަފާތު ގޮތްތަކެއް ބޭނުންކޮށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މާލޭ ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަރުދަނާ ނިޒާމްތަކެއް ޤާއިމްވެ، ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.