އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރެންފަޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެ، ގަދަ ފަހަކަށް އެރުމަށް ލިބުނު ފުރުސަތު ނޮޓިންހަމް ފޮރެސްޓުން ނަގާލައިފިއެވެ.
އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވިތާ ހަތަރު ދުވަސް ފަހުން ކުޅުނު މި މެޗުގައި ފޮރެސްޓުން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ.
ނޮޓިންހަމް ފޮރެސްޓްގެ ސިޓީ ގްރައުންޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ބްރެންޓްފަޑްގެ ކެވިން ޝޭޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި އޭނާ ޖެހި އަށްވަނަ ލަނޑެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ނޮޓިންހަމް ފޮރެސްޓަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެންތޮނީ އެލަންގާއަށް ލިބުނު ފުރުސަތު އޭނާ ވަނީ ނަގާލާފަ އެވެ.
ބްރެންޓްފަޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޔޯން ވިސާ އެވެ.
މި ނަތީޖާ އާއިއެކު ލީގުގައި މިހާތަނަށް ނޮޓިންހަމް ފޮރެސްޓްއިން ކުޅުނު 34 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ފަސްވަނައިގައި އޮތް ޗެލްސީއަށްވެސް 60 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި މެޗުން މޮޅުވި ބްރެންޓްފަޑަށް ލިބިފައިވާ 49 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.