ކުޅިވަރު

ގައުމީ ވޮލީބޯޅަ މުބާރާތް: ފްލެކްސަރ އަތުން ޕޮލިސް ބަލިވެއްޖެ


ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ފްލެކްސަރ ސްޕޯޓްސް ކުލަބުން ފޯމުގައި އޮތް ޕްލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭގެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ފްލެކްސަރ މޮޅުވީ 3-1 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފްލެކްސަރ އިން ވަނީ ޕޮލިސް ކުލަބާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ސެޓު ފްލެކްސަރ އިން 25-20 ކާމިޔާބު ކުރި އިރު ޕޮލިހުން ވަނީ ދެވަނަ ސެޓު 25-21 ކާމިޔާބުކޮށް އުންމީދު ދަމަހައްޓާފައެވެ. އެހެންނަމަވެސް ތިންވަނަ ސެޓުގައި އިތުބާރާއެކު ކުޅެ ފްލެކްސަރ ކާމިޔާބު ކުރީ 25-20 އިންނެވެ.

މެޗުގެ ފަހު ސެޓު ވަރަށް ވާދަވެރިކޮށް ދިޔައިރު ޕޮލިހުން ވަނީ ވަރަށް ބޮޑަށް ނަތީޖާގެ ފަރަގުވެސް ކުޑަކޮއްފައެވެ. މި ސެޓު 25-23 ކާމިޔާބުކޮށް ފްލެސަރ އިން ވަނީ ތިން ޕޮއިންޓު ހޯދާ ސެމީގެ އުންމީދު ދަމަހައްޓާފައެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެހެން އަހަރުތަކާ ޚިލާފަށް ގިނަ މެޗުތަކެއް ކުޅޭ ގޮތަށް މި ފަހަރު މުބާރާތް ރޭވިފައިވާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖަގާ ލިބިގެންދާނެއެވެ.

އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.