ފަލަސްޠީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މާދަމާ ބަޔާން ދެއްވުމަށް ހަމަޖެހިފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ބަޔާން ދެއްވުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީނުގެ ބިންތަކުގައ،ި އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި އެބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ކަމަށެވެ.
މިމައްސަލައަކ،ީ އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއ،ި އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައ،ި ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމްޢިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތ،ީ އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ.ގެ އާންމު މަޖިލީހުގެ ޤަރާރަކުން މިދިޔަ ޑިސެންބަރު 19 ޑިސެންބަރު ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ ލިޔުމުން ބަޔާން ހުށަހަޅާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 28ވަނަ ދުވަހުއެވެ.
މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. މިއާއެކު ފަަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދެމުންދާ ޢާންމު ބަދިގެތަކުން ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ހުސްވެ، އެ ތަންތަން ބަންދު ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައި އެހީދޭ ޖަމްޢިއްޔާތަކުން ވަނީ ހާމަކޮށްފައެވެ. އެހީދޭ ޖަމްޢިއްޔާތަކުން ބުނީ، ޣައްޒާގެ ސަރަޙައްދީ ހުރަސްތައް ހުޅުވައިލައި، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ނުދީފިނަމަ، ޢާންމު ބަދިގެތައް ބަންދު ކުރަން ޖެހޭނެ ކަމަށެވެ. މީގެސަބަބުން، އެ ތަންތަނުން ފޯރުކޮށްދެމުންދާ ކާބޯތަކެއްޗަށް ބަރޯސާވެފައިވާ އެތައް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށްވެސް އެހީދޭ ޖަމްޢިއްޔާތަކުން ބުނެއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދުވަނީ 61,700އަށް އަރާފައެވެ. އަދި މިޖަރީމާތަކުގައި އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.