ޚަބަރު

ދެކުނުގެ ކަނޑުން ބައެއް ގެއްލުނީ މިދިޔަ ސަރުކާރުގެ ބަންޑާރަނައިބް ދޫކޮށްލެއްވުމުން: ޑރ.މުނައްވަރު


  • އޭރު ދިވެހި ދަޢުލަތުން ނަގަންޖެހޭ ޕޮޒިޝަން ނުނަންގަވާކަމަށް ވިދާޅުވި

  • މިމައްސަލައިގައި އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމަށް ވިދާޅުވި

ރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނުކަމަށް ބުނާ ސަރަހައްދު ގެއްލުނީ ކުރީ ސަރުކާރުގައި ހުންނެވި ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު ދޫކޮށްލެއްވުމުންކަމަށް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުޙައްމަދު މުނައްވަރު ވަނީ ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ގެއްލުނު މައްސަލަ ހިނގާދިޔަގޮތް ކިޔައިދެއްވާފައެވެ.

ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދު އެހެން ދަޢުލަތެއްގެ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާކަމަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީއަށް ހުށަހަޅައިގެން ކުރިއަށްދިޔައިރު އެއީ ސީރިއަސް މައްސަލައެއްކަމަށް އޭރުގެ ސަރުކާރަށް ދެންނެވިކަމަށެވެ. އަދި އެމައްސަލައިގައި ދަޢުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެއްކޮށް ކުރިއަށްގެންދިޔުމަށާއި ސިއްރު ނުކުރުމަށް ދެންނެވިކަމަށްވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަމަށް އޭރުގެ ސަރުކާރުން ފިޔަވަޅު ނޭޅުމުން ކަނޑުހޯދުމަށް ވަކާލާތު ކުރަން ފެށިކަމަށް އޭނާވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީގައި އެމައްސަލަ ކުރިއަށްގޮސް ނިމެން ކައިރިވީއިރުވެސް ދިވެހި ދަޢުލަތުން ނަގަންޖެހޭ ޕޮޒިޝަން ނުނަންގަވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ދެންވެސް ދެންނެވިން މި މައްސަލައަށް ސަމާލުކަން ދެއްވާށޭ. ކީއްވެގެންތޯއޭ މިކަން ނުކުރައްވާ ތި ތިއްބަވަނީ. މައްސަލަ ނިމުނީ ދެ ޤައުމުގެ ދޭތެރޭގައި އޮތް ސަރަޙައްދު ދެފަރާތަށް ހަމަވާގޮތަށް ބައި ކޮށްލުމަށްފަހު. ނަމަވެސް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ބެހޭ ޤާނޫނު ޑްރާފްޓް ކުރިމީހާގެ ހައިސިއްޔަތުން އަޅުގަނޑު ޤަބޫލެއް ނުކުރަން އެތަނަކީ ހަމައަށް އެއްވެސް ބަޔަކާއެކު ބައިކުރަންޖެހޭ ތަނެއް ކަމަށް. ރާއްޖެއަށް އެއްކޮށް 200 މޭލު ލިބިފައި ބާކީއޮތް އެއްޗެެއް އެހެންބަޔަކަށް ލިބެންވާނީ" ޑރ. މުހައްމަދު މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މި މައްސަލައިގައި އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމަށެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިސަރުކާރުން ވިދާޅުވެއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ސާދަ ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މިމައްސަލާގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ވަނީ ހަވާލުކުރައްވާފައެވެ. އަދި އެނިންމުން ދިރާސާކޮށ،ް މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްވެސް ވަނީ ފަށާފައެވެ.