ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ލަސްވިޔަސް ފޯކަސް ބަހައްޓަންވީ އެމުބާރާތަށް!


މި ރީޖަނުގައި ރާއްޖެއިން ވާދަކުރާ އެންމެބޮޑު މުބާރާތަކީ ސާފް ޗެމްޕިއަންޝިޕް ކަމަށާއި، ސާފް ޗެމްޕިއަންޝިޕް ލަސްވިޔަސް މިހާރުވެސް ކުރިޔަށްދާންވީ އެ މުބާރާތަށް ފޯކަސް ބަހައްޓައިގެން ކަމަށް، ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝީޕްގެ ތަށި ރާއްޖެއަށް ހޯދައިދިން ޓީމުގެ ކީފަރު އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.

ކުރިޔަށް އޮތް އެފްއޭއެމްގެ "ލީގް ކަޕް" ފުޓްބޯޅަ މުބާރާތާއި ސާފު ޗެމްޕިއަންޝިޕާއި ގުޅޭ ގޮތުން އިމްރާންގެ ހިޔާލު "ޕީއެސްއެމް ސްޕޯޓްސް" އާއި ހިއްސާ ކުރަމުން އޭނާ ބުނީ ސާފް ޗެމްޕިއަންޝިޕަށް އެހެން ގައުމުތަކުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ.

"އެމީހުންނަށް ކުރެވެން އޮތް ހުރިހާ ކަމެއް އެބަ ކުރޭ އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖޭގައި ފުޓްބޯޅަ ހަމަ ހުއްޓިފައި އޮތްތަން. އިތުރު މުބާރާތްތައް ރާވައިގެން ގިނަ މެޗުތައް ކުޅުންތެރިންނަށް ލިބޭނެ ގޮތަށް މުބަރާތްތައް ރާވައިގެން ސާފް ޗެމްޕިއަންޝިޕް ލަސްވިއަސް އަޅުގަނޑުމެންގެ ފޯކަސް ހަމަ އެމުބާރާތަށް ބަހައްޓައިގެން މިހާރުވެސް ކުރިޔަށްދާންވާނީ"

"އޭގެ ކުރިން އިތުރު އިންޓަނޭޝަނަލް މެޗުތަކެއް އޮތަސް އަޅުގަނޑުމެންގެ ފޯކަސް އޮތް އަދި ދިވެހި ރައްޔިތުން އެންމެ ބަލާހިތްވާ އެއް މުބާރާތަކީ ސާފު ޗެމްޕިއަންޝިޕް. އެހެންވީމަ އެއަށް ތައްޔާރުވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ" އިމްރާން ބުންޏެވެ.

ވާދަވެރި މެޗުތަކެއް ނުކުޅެ ގޮސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުން އެއީ ވަރަށް އުނދަގޫ ކަމެއްކަމަށާއި، ކޯޗުންނަށްވެސް ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށްވެސް ގައުމީ ޓީމުގެ ގޯލް ކީޕަރ ޓްރޭނަރެއްގެ ދައުރު އަދާކުރާ އިމްރާނު ބުންޏެވެ.

ކުޅުންތެރިޔާގެ ޕާފޯމެންސް ނުފެނި ކުޅުންތެރިން ކުޅޭތަން ނުފެނި ޤައުމީ ޓީމަށް ނެގުން އެއީ ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށާއި، މިހާރު ވާދަވެރި މެޗުތަކެއް ނުކުޅޭނަމަ އެއީ ގޮންޖެހުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ ދުވަސްތަކުގައި އަޅުގަނޑަށް ފެންނަނީ އެތަން. އެއްވެސް މެޗުތަކެއް ނުކުޅެ ތިބެ ގައުމީ ޓީމަށް ނަގައިގެން ދިޔައީމަ އެ ކުޅުންތެރިންގެ ފަރާތުން ދޭންވާ މެކްސިމަމް އެފަޓް ލެވޭތަނެއް ނުފެނޭ. ރަނގަޅު ޓީމެއް ގޮތުގައި ކުޅެވޭ ތަނެއް ނުފެނޭ." އިމްރާން ބުންޏެވެ.

ދާދިފަހުން އިންޑިއާ އަދި ފިލިޕީންސް އާއި އެކު ގައުމީ ޓީމުން ކުޅުނު ދެމެޗަށް އިޝާރާތްކޮށް އިމްރާން ބުނީ ކުޅުންތެރިންގެ ހުރި ހުނަރެއް ބޭނުންކޮށްގެން ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮތް ހާލަތުގައިވެސް އެ ކުޅުންތެރިން ބެލީ ރާއްޖެ ތަމްސީލުކުރަން ރާއްޖެއަށް ރީތި ނަން ހޯދަދޭން ކަމަށެވެ. ފާއިތު ދުވަސްތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން އެކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށްވެސް އިމްރާން ބުންޏެވެ.