ޚަބަރު

ކޮމިޝަންގެ މަސައްކަތް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެ


  • ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވި

މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތްތައް އެއްވެސް ބައެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކޮމިޝަނުން މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ އަންހެން ކުއްޖާ ވެއްޓުނު ހާދިސާގައި ކޮމިޝަންގެ މައްޗަށް ބެލުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތައް އެއްބާރުލުން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަން ފަށާފައިވާކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް މާގިނަ ދުވަސްތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށެވެ. އަދި ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް އެއްވެސް ބަޔެއްގެ ނުފޫޒެއް ނުފޯރުވެވޭނެކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާނީ ވަރަށް މިނިވަންކަމާއެކުގައިކަމަށެވެ. އަދި ކޮމިޝަނަށް ނުފޫޒެއް ފޯރުވާ ހިސާބުން ވަގުތުން އިސްތިއުފާދޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ޕޯޓަލްއެއް އެކުލަވާލުމަށް ނިންމާފައިވާކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ސުވާލުވެސް ކުރެވޭނެކަމަށާއި އެ ސުވާލުތަކަށް ޖަވާބުވެސް ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ދުވަހުން ދުވަހަށް އެނގޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެހޭނެކަންވެސް މުނައްވަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަކަށް ނުފޫޒް ހިންގަން ފަސޭހަ މީހަކަށް ނުވާނެ. ކޮމިޝަންގެ މެންބަރުންގެ މެދުގައި ވާހަކަ މި ދެއްކުނީ ރައްޔިތުންނަށް މަޢުލޫމާތު ދެވޭނެ ޕޯޓަލްއެއް ހުޅުވުމަށް. ސުވާލުކުރީމަ އާންމު ސުވާލުތަކަށް ޖަވާބުވެސް ދޭނެ. އެކަމަކު ޖިނާޢީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ކުރެވޭ ތަޙްޤީގަކަށް ވީމަ ބައެއް ކަންކަން ހުންނާނެ ތަޙްޤީގު ފުރިހަމަ ވީމަ އާންމުކުރެވޭނެ މަޢުލޫމާތު. އެކަމަށް ރިއާއަތް ކުރެވެންވާނެ." ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވިއެވެ.

މިމަހުގެ 18ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، ކޮމިޝަނެއް އުފައްދަވާފައިވަނީ މިމަހުގެ 27ވަނަ ދުވަހުގައެވެ. އެ ކޮމިޝަނުގައިި 5 މެންބަރުން ތިއްބަވައެވެ.