ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކުރާ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ބޭންކް ފަންޑަކީ ޖަމްޢިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން މިދިޔަ އަހަރު ތައާރަފްކުރި ފަންޑެކެވެ. އަދި މި ފަންޑަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކާާއި ކުލަބުތަކަަށް އެކަނިކަމަށްވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.
މި ފަންޑުގެ ދަށުން މިދިޔަ އަހަރުވެސް ބީއެމްއެލްއިން ވަނީ 5 ޖަމުޢިއްޔާއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މުރަކަ ފާމް
ޗިލްޑްރަން އޮފް މޯލްޑިވްސް
ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން
ވޭމަންޑޫ ޒުވާނުންގެ ގުޅުން
ޔުނިޓީ ސްޕޯޓްސް އެކަޑަމީ
މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ފަންޑަށް އެދި ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. އަދި ހުށަހެޅުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ މެއި މަހުގެ 29ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00އެވެ.
ބީއެމްއެލްއިން މީގެކުރިން ވަނީ ޖަމުޢިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ކޮމިއުނިޓީ ފަންޑުގެ ނަމުގައިވެސް ހާއްސަ ފަންޑެއްގެ މަސައްކަތް ކުރިއަށް ގެންދަވާފައެވެ. އެ ފަންޑުން ވަނީ 100 މަޝްރޫޢަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.