ރާއްޖޭގެ ގިނަ އަދަދެއްގެ މަންދޫބުންނާއިއެކު އަރަބިއަން ޓްރެވެލް މާކެޓް ފަށައިފިއެވެ. މިއަހަރު ފެއަރ ކުރިއަށްދާނީ މިމަހުގެ 28 އިން މޭއި މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ.
ރާއްޖެއިން މިއަހަރު ފްލެގްޝިޕް ފެއަރގެ ގޮތުގައި މި ފެއަރގައި ބައިވެރިވާއިރު މި ފެއަރގައި ރާއްޖެ 110 ކުންފުންޏަކުން 235 މަންދޫބުން ތަމްސީލް ކުރެއެވެ. މި އަހަރުގެ އޭޓީއެމް ފެއަރ ކުރިއަށް ގެންދަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ. މި ފެއަރގައި ފަތުރުވެރިިކަމާއި ތިމާވެެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް އަދި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިބްރާހިމް ޝިއުރީ އަދި އެކުންފުނީގެ އިސްފަރާތްތައް ވަނީ ބައިވެރިވެވަޑެގެންފައެވެ.
އޭޓީއެމް ފެއަރ ފަށާފައިވަނީ ރާއްޖެ ގަޑިން 12:00 ޖެހިއިރުއެވެ. މި ފެއަރ ހުޅުވި ވަގުތު އެމިރޭޓްސް އެއަރލައިން ޗެއަރމަން ޝެއިޙް އަހުމަދް ބިން ސަޢީދު އަލް މާޙްތޫމް ވަނީ ރާއްޖެގެ ޕެވިލިއަން ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމްއެވެ.
ދުބާއީގައި 4 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފެއަރގެ ހަވާސާގެ ތެރެއިން ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ.
އޭޓީއެމް މިފަހަރު ފެއަރގެ ތެރެއިން މޯލްޑިވިއަން އިވްނިން ވެސް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތުގެ ތެރެއިން ފަންނުވެރިންގެ ހުނަރު ދައްކާލުމާއި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތަކީ މި ފެއަރގެ ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ވިޔަފާރިތަކާއި ވިޔަފާރިތައް ގުޅުވާ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މުހިންމު މަސައްކަތްތަކެ ކުރުމަށް ވަނީ ހަމަޖެހިފައެވެ.