ޚަބަރު

ޓޮޓްނަމް ބަލިކޮށް ލިވަޕޫލްއިން 20 ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ 20 ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މެޗުން މޮޅުވުމާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 82 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 67 ޕޮއިންޓް ލިބިފައިވާއިރު ޓޮޓްނަމް ހޮޓްސްޕަރ އަށް ލިބިފައިވާ 37 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.

މި މެޗަށް ނިކުތްއިރުވެސް ލީގު ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލް އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ހަތަރު މިނިޓުގައި ލިވަޕޫލްގެ ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އެލެކްސިސް މެކަލިސްޓަރ ވަނީ އިތުރު ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.

ލިވަޕޫލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކޯޑި ގެކްޕޯ އެވެ. މި ލަނޑާއެކު ލިވަޕޫލްގެ ސަޕޯޓަރުންގެ ފޯރި ވަނީ ގަދަވެފަ އެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ މުހައްމަދު ސަލާ އެވެ. މި ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރުމުގެ ތެރޭގައި އޭނާ ވަނީ ސެލްފީއެއް ނަގާފަ އެވެ.

އަދި އޭގެ ތިން މިނިޓު ފަހުން ޓޮޓްނަމް ހޮޓްސްޕަރގެ ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 5-1 އަށް ބަދަލުވެފަ އެވެ.

މި މެޗުން މޮޅުވެ ލިވަޕޫލް އަށް ޗެމްޕިއަންކަން ލިބުނު އިރު މިއީ 1990 ވަނަ އަހަރަށްފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. 2020 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އަށް ލިބުނުއިރު ކޮވިޑްގެ ޕެންޑެމިކާއި ގުޅިގެން އެ މެޗު ކުޅެފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި 35 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލިވަޕޫލް އިން ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު, މި މެޗަށް ފަހު ލިވަޕޫލްގައި ވަނީ އުފާ ފާޅުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވާފަ އެވެ.