ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން ލީގު ކާމިޔާބުކުރުމަށް ޕޮލިސް ކުލަބުގެ ފަހަތުގައި ވިއްދައިފިއެވެ.
ލީގުގެ ފަހު މެޗުގައި މިރޭ މި ދެ ޓީމު ވަދާކުރާއިރު މި ވަގުތު އެއްވަނައިގައި ޕޮލިސް ކުލަބު އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުވެ. ވެމްކޯ ދެވަނައިގައި އޮތީ 9 ޕޮއިންޓާއެކުއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރުވެސް ގައުމީ މުބާރާތުން ޖާގަ ގެއްލިފައިވާ ސިޓީ ޓީމުގެ މައްޗަށް ވެމްކޯ ކުރި ހޯދީ ފަސޭހެކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-9، 25-11 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ފާތުމަތު ޖޫޒާން ޒަރީރެވެ.
ގައުމީ ލީގުގެ ގަދަ ހަތަރު ޓީމަށް ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާއިރު، މި ސީޒަންގެ ގައުމީ ލީގުގެ އަންހެން ޑިވިޝަންގެ ފަހު މެޗު އޮންނާނީ މިރެއެވެ. ލީގުގެ ފަހު މެޗުގައި ޕޮލިސް ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.
ލީގު ޗެމްޕިއަން ޓީމު ކަނޑައެޅިގެންދާނެ މެޗަކީވެސް މިއީއެވެ. ވެމްކޯއަށް ލީގު ޗެމްޕިއަންކަން ލިބެން އޮތީ މި މެޗު ފަސް ސެޓަށް ނުގޮސް ކާމިޔާބުކޮށްގެންނެވެ.