ޚަބަރު

އަންހެން މީހާ ވެއްޓުނު މައްސަލައާއި ގުޅިގެން 9 މީހުންގެ ފޯނު ހިފަހައްޓައިފި


  • މިމައްސަލާގައި ހިމެނޭ އެންމެން ފުރުން ވަނީ މަނާކޮށްފައި

ހެންވެއިރު ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއިގުޅިގެން ނުވަ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްތައިފިއެވެ.

ފުލުހުން މިކަން ހާމަކުރައްވައި މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ ޖުމުލަ 9 މީހެއްގެ ފޯނުކަމަށް ފުލުހުން ވިދާޅުވިއެވެ.

ހ. ފެންޓޮނޯއީ ގޭގެ މަތިން އުމުރުން 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓުނު ހާދިސާގައި އެ އަންހެން މީހާ ހިމެނޭހެން ޖުމްލަ 9 މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ އެންމެން ކޯޓު އަމުރެއްގެ ދަށުން ވަނީ ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައެވެ.

ހ. ފެންޓޮނޯއީ ގޭގައި ހާދިސާ ހިނގި ވަގުތު އަންހެން މީހާއެކު އުޅުނީ ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ. އޭނާ ފޯނު ފުލުހުން ވަނީ މާކުރިން ހިފަހައްޓާފައެވެ.

ފުލުހުން ވިދާޅުވެފައިވާގޮތުގައި އަންހެން މީހާ ވެއްޓިފައިވާކަމަށް ލަފާކުރެވެނީ ހ.ފެންޓަނޯއީ ގޭގެ ނުވަވަނަ ފަންގިފިލާ ފެންލައިޓަކުންނެވެ. އޭނާ ވެއްޓެން ދިމާވީ ސީދާ ކިހިނެއްކަން ފުލުހުން ދަނީ ބަލަމުންނެވެ. އަދި ފުލުހުންގެ ތަހުޤީޤު ރިވިއު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މައްސަލާގައި ފުލުހުން އިޖުރާޢަތްތަކާއި ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމުގެ ކަންކަން ނޭޝަަނަލް އިންޓަގްރިޓީ ކޮމިޝަނުންވެސް ދަނީ ކުރަމުންނެވެ.