ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ބާއްވާ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕްރީ ކޮންފަރެންސް ވޯރކްޝޮޕްތައް ފެށިގެން ކުރިއަށްދާކަމަށް އެޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ. އައިޔޫއެމްގެ މިއަހަރުގެ ރިސަރޗް ކޮންފަރެންސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 އިން 22އަށް އައިޔޫއެމްގައެވެ.
އައިޔޫއެމުން ބާއްވާ ރިސަރޗް ކޮންފަރެންސަކީ މާސްޓަރސް، ޕީއެޗްޑީ އަދި ދިރާސީ މަސައްކަތަށް ވަންނަ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. މިކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕްރީ ކޮންފަރެންސް ވޯރކްޝޮޕްތައް މިހާރުވަނީ ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ.އާމިނަތު ޝާފިޔާ އާދަމް ވިދާޅުވީ ޕްރީ ވޯކްޝޮޕް ކޮންމެ މަހަކު 2 ފަހަރު ބާއްވާނެކަމަށެވެ.
މިވޯކްޝޮޕްތަކުގައި އެބްސްޓްރަކްޓް ލިއުމާއި، ކަރުދާހެއްގެ އިންޓްރޮޑަކްޝަނާއި، މެތޮޑޮލޮޖީ، ފައިންޑިންގްސް ލިއުން، ޑިސްކަޝަން ލިއުންފަދަ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި މިވޯކްޝޮޕްތައް ނިމޭއިރު ކޮންފަރެންސަށް ބޭނުންވާ ކަރުދާސް ހުންނާނީ ތައްޔާރުކޮށް ނިމިފައިކަމަށް ޝާފިއާ ވިދާޅުވިއެވެ. ހިލޭ ބައިވެރިވެވޭ މިވޯކްޝޮޕްތައް ބާއްވަނީ އޮންލައިންކޮށްކަމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މީގަ ބައިވެރިވެވޭނެ ކަމަށް ޝާފިޢާ ވިދާޅުވިއެވެ.
މި ވޯކްޝޮޕްތަކުން ރާއްޖޭގައި މަތީ ތަޢުލީމަށް ކިޔަވަމުން އަންނަ ދަރިވަރުންނަށް ޢިލްމީ މަޢުލޫމާތު ލިބި މަސައްކަތް ދަސްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ބޭނުމަކީ ކަރުދާސް ލިޔަން ދަސްކޮށްދިނުން ކަމަށާއި، އެގޮތުން ޢިލްމީ ކަރުދާސް ލިޔާ ސްޓައިލާއި، މިފަދަ ކަރުދާސްތައް ލިޔަން ފަރިތަކުރުންކަމަށް ޝާފިޢާ ވިދާޅުވިއެވެ.
"މި ވޯކްޝޮޕްތަކަަކީ ވަރަށް އަމަލީ މަސައްކަތް ތަކެއް ހިނގާނެ ވޯކްޝޮޕްތަކެއް އަދި ހުރިހާ އެންމެންނަށް ވެސް ހުރިހާ ދަރިވަރުންނަށް ވެސް ހިލޭ ހުޅުވާލައިފައި ހުރި މަސައްކަތްތަކެއް" ޑރ. އައިމިނަތު ޝާފިޔާ އާދަމް ވިދާޅުވިއެވެ.
2016 ވަނަ އަހަރުން ފެށިގެން އައިޔޫއެމުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރިސަރޗް ކޮންފަރެންސްގެ މިއަހަރުގެ ކޮންފަރެންސް އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 21 އިން 22އަށެވެ.
އައިޔޫއެމްގެ ރިސަރޗް އެންޑް އިނޮވޭޝަން ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ.ވިސާލް މޫސާ ވިދާޅުވީ މިކޮންފަރެންސްގައި ބައިވެރިވާ ފަރާތްތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ދިރާސާވެރިން އެއްތަނަކަށް އެއްވެ ދިރާސާތައް ހިއްސާކުރުން ކަމަށްވެސް ވިސާލް ވިދާޅުވިއެވެ.
"އަހަރުން އަހަރަށް ކޮންފަރެސްގެ ބައިވެރިންގެ ވެސް އަދަދު އިތުރު ކުރަމުން ދަނީ. އެގޮތުން މިދިޔަ އަހަރަކީ އެންމެ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރި ކުރެވުނު އަހަރު." ޑެޕިއުޓީ ވައިސް ޗާންސެލާ ރިސާޗް އެންޑް ރިނޮވޭޝަން ޑރ. ވިސާމް މޫސާ ވިދާޅުވިއެވެ.
މިއަހަރުގެ މުޅި ކޮންފަރެންސް ތީމަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އުނގެނުމުގެ މުޖްތަމަޢެއް ބިނާކުރުން" މިއެވެ. މިކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތަކުގެ ތެރެއިން އެންމެ ރަނގަޅު ކަރުދާހާއި އެންމެ ރަނގަޅު ލިއުން ހޮވާނެއެވެ.