ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވޭ މަޖިލިސް ކަމަށް، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ. މަމްދޫހު މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ، "ބާބު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މެންބަރު މަމްދޫހު ވިދާޅުވީ 20ވަނަ މަޖިލީހަކީ އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރާ މަޖިލީހެއް ކަމަށާއި އެކަން އެކި ދައުރުތަކުގައި މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ މެންބަރުންވެސް ފާހަގަކުރައްވާ ކަމަށެވެ. މިހާތަނަށް ސަރުކާރުގެ އެންމެ ގިނަ މައްސަލަތައް ބަލަމުންދާ ކޮމިޓީއަކީ މިހާރުގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ކަމަށާއި ނުފޫޒެއް އޮތްނަމަ އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ އިތުރުން މަޖިލިސް ތެރެއިންވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ވިހިވަނަ މަޖިލީހަކީ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކޮށްފައިވާ މަޖިލިސް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތައް، ރައްޔިތުންގެ ފުށުން އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކާއި އަދި ރައްޔިތުން އެދޭގޮތަށް ސަރުކާރެއް ބައްޓަންކުރުމަށް ސަރުކާރެއް ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެ ގިނަ މަސައްކަތްތަކެއް ކުރެވިފައިއޮތް މަޖިލީހަކީ 20ވަނަ މަޖިލިސް،" މަމްދޫހު ވިދާޅުވިއެވެ.
މިހާރުގެ މަޖިލީހަކީ މިނިވަން މަޖިލީހެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މަމްދޫހު ވިދާޅުވިއެވެ. ކުރީގެ މަޖިލިސްތަކުގައި އެއިރަކު އޮންނަ ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަަޕްޝަންގެ މައްސަލަތައް ފޮރުވަން މަސައްކަތް ކޮށްފައިވީނަމަވެސް، މިހާރުގެ މަޖިލީހުން އެގޮތަށް އަމަލުނުކުރާނެ ކަމަށްވެސް މެމްބަރު މަމްދޫހު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިއަދު މަޖިލީހުން ފެންނާނީ ކަންކަމުގައި ސަރުކާރު ޖަވާބުދާރީކޮށް، އިސްލާހު ކުރުމަށާއި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ކަމަށްވެސް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވިއެވެ.