މ. މުލަކުގެ ގެއެއްގެ ދޮރުކައިރިން އާދަޔާ ޚިލާފަށް ހޫނުވެ ދުން އަރަންދިމާވީ، އެގޭގެ އިލެކްޓްރިކް ކަރަންޓް އާރތު ކުރުމަށް ބިމުގެ އަޑިން ފުނަށް ޖަހާފައިވާ އާރތު ދަގަނޑު ނުވަތަ ރޮޑު ހޫނުވުމާއި ގުޅިގެންކަމަށް މިހާތަނަށް ބެލިބެލުމުން ޤަބޫލުކުރެއްވޭކަމަށް ސެންޓްރަލް ޕޮލިސް ޑިވިޝަނުން ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން ބެއްލެވި ބެއްލެވުމުން، އެގޭގެ އިލެކްޓްރިކް ކަރަންޓް އާރތުކުރެއްވުމަށް ބިމުގެ އަޑިން ފުނަށް ޖަހާފައިވާ އާރތު ދަގަނޑު ނުވަތަ ރޮޑާ ދިމާލުގައި، އެހެން ތަންތަނަށްވުރެ ބޮޑަށް ހޫނުހުރި ކަމަށް ބެލެވޭތީ، އެ ދިމާ ކޮނެ، އެ ދަގަނޑު މިހާރު ވަނީ ނަގާފައެވެ.
img:http://s1.psmnews.mv/images/660x400/14686788982125.jpg|މުލަކުގައި ދުން އަރަމުންދާތަނުގެ ބިންގަނޑު ކޮންނަނީ-
މިކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ޝިފާޢު ވިދާޅުވީ، މި ޙަދިސާ ފުލުހުންނަށް ރިޕޯޓް ކުރި ހިސާބުން ފެށިގެން ފުލުހުން އެގޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިކަމުގައި ފުލުހުންގެ އިތުރުން، އެމް.އެން.ޑީ.އެފް، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި މޫސުމާބެހޭ ޤައުމީ އިދާރާގެ ކަމާބެހޭ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
އެބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، މިއީ ގުދުރަތީ ކަމަކާ ގުޅިގެން ހިނގި ޙާދިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި، ބޮޑަށް ލަފާކުރެވެނީ އެގޭގެ ދޮރުކައިރިން އާދަޔާ ޚިލާފަށް ހޫނުވެ ދުން އަރަންދިމާވީ، އިލެކްޓްރިކް ކަރަންޓް އާރތު ކުރުމަށް ބިމުގެ އަޑިން ފުނަށް ޖަހާފައިވާ އާރތު ދަގަނޑު ނުވަތަ ރޮޑު ހޫނުވުމާއި ގުޅިގެންކަމަށް ޝިފާޢު ވިދާޅުވިއެވެ. އަދި އެމް.އެޑް.ޑީ.އެފްގެ އެހީތެރިކަމާއެކު އާރތު ރޮޑު ނެގި ހިސާބުން ފެށިގެން، އެ ސަރަހައްދުގެ ހޫނު މިން ކޮންމެވެސް ވަރަކަށް ދަށްވަމުންދާކަން ފާހަގަކުރެވިފާއިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14686784065736.jpg|މުލަކުގައި ދުން އަރަމުންދާތަނުގެ ބިންގަނޑު ކޮންނަނީ-
ޝިފާޢު ވިދާޅުވީ، މިކަން އާއްމު ޙާލަތަށް ރުޖޫޢަވަންދެން ފުލުހުންނާއި، އެން.އެމް.ޑީ.އެފްގެ ޓީމްތަކުން އެގޭގައި ހަރަކާތްތެރިވަމުންދާނެ ކަމަށާއި، ކޮންމެ ގަޑިއިރަކުން އެއް ފަހަރު އެ ސަރަޙައްދުގެ ހޫނުމިން ބަލާ މޮނިޓަރ ކުރައްވަމުން ގެންދަވާ ކަމަށެވެ.