ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 6 ވަނަ ސީޒަންގެ އޮޑިޝަންތައް ފަށައިފިި


  • މި ފަހަރުގެ އޮޑިޝަންގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވޭ

  • މުބާރާތް ކާމިޔާބުކުރާ ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމް

  • މިއީ ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ވާދަވެރި މުބާރާތް

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 6 ވަނަ ސީޒަންގެ އޮޑިޝަންތައް ފަށައިފިިއެވެ. މިފަހަރުގެ މުބާރާތަށްވެސް ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.

މި މުބާރާތުގެ 6ވަނަ ސީޒަންގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ މާރިޗުމަހުގެ ތެރޭގައެވެ. މިއީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް މިހާރު ފަށާފައިވާއިރު، 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާކަމަށް ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ ޕްރޮޑިއުސަރ ނާފިޒާ އަބްދުއްރަޝީދު ވިދާޅުވިއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ މި ސީޒަންގައި ފަނޑިޔާރުކަން ކުރަނީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި ގިނަ ބައެއްގެ ލޯތްބާއި މަޤުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރުންކަމުގައިވާ މޫމިނާ އިބްރާހިމާއި އަލީ ރާޒީގެ އިތުރުން ހަސަން ހަލީމެވެ.

"ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ 6 ވަނަ ސީޒަނަށްވެސް އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މުބާރާތުގެ ޓައިޓްލް ކާމިޔާބުކުރާ ފަރާތަކަށް މުބާރާތުގެ ޓައިޓްލް އެވޯޑާއި 25،000 ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މުބާރާތުގެ 2 ވަނަ އަށް 20،000 އަދި 3 ވަނަ އަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

ޕްރެޒެންޓް ކުރުމުގެ ދާއިރާގެ ތަފާތު މަސައްކަތްތައް ބައިވެރިން ކުރަންޖެހޭގޮތަށް ކުރިއަށް ގެންދާ މި ރިއަލިޓީ ޝޯވގައި ކޮންމެ ހަފްތާއަކުވެސް ދެ އެޕިސޯޑް ގެނެސްދެވޭނެއެވެ. އެއީ މަސައްކަތް ހުށަހަޅައިދޭ އެޕިސޯޑާއި އެލިމިނޭޝަން ޝޯވއެވެ. ކޮންމެ އެލިމިނޭޝަން ޝޯވއަކުންވެސް ކަނޑައެޅޭ ވަކި އަދަދެއްގެ ބައިވެރިން މުބާރާތާ ވަކިވަމުން ދާނެއެވެ. 7 ރައުންޑަކަށްފަހު ފައިނަލަށް ހޮވޭނީ 5 ބައިވެރިންނެވެ.

މިމުބާރާތުގެ ކުރީގެ 5 ސީޒަނަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފަންނުވެރި ޒުވާނުންތަކެއް މިދިޔަ 5 ސީޒަންގައިވެސް އަމަލީ މައިދާނަށް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގެ ކުރީގެ 5 ސީޒަނަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފަންނުވެރި ޒުވާނުންތަކެއް މިދިޔަ 5 ސީޒަންގައިވެސް އަމަލީ މައިދާނަށް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.