ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މާލެއަތޮޅު ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، މުޅި މުޖުތަމަޢު ތަރައްޤީކޮށް، މުޅި މުޖުތަމަޢު ބިނާކުރުމުގައި، ޚާއްޞަ ގޮތެއްގައި، ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.
އެގޮތުން މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުން ކަމަށާ، ޤައުމުގެ މުހިންމު ކަންކަމާ ޙަވާލުވެގެން މި ޤައުމު އާރާސްތު ކުރުމަށްޓަކައި، ޤައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި އެންމެ ވަރުގަދަ މަސައްކަތެއް ކުރެވޭނެ ބަޔަކީ ޒުވާނުންނަށް ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އިތުރުކުރުމެވެ. މި ސަރުކާރުގެ އެންމެ ފަޚުރުވެރި، މަތިވެރި ޒިންމާއެއް ގޮތުގައި ދެކެނީ އަދި ޢަމަލީގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމްދީނަށް ނަޞްރު ދިނުމުގައިކަމަށެވެ. ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ހިންމަފުށީގައި އޮތް މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހިންމަފުށި ހިމެނޭ ކުލަސްޓަރގެ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަނާރާ ނަޢީމާއި، ހިންމަފުށީ ކައުންސިލްގެ މެންބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.