ސަރުކާރުން ހުށަހަޅުއްވާފައިވާ އައު ޤާނޫނުތައް ފާސްވެ، އެ ޤާނޫނުތަކުން ލިބޭ ބާރުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރަކަށް ވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި އޮތީ ޤައުމުގެ ހަމަޖެހުމުގެ މައްޗަށް ކަމަށާއި ފުލުހުންނަކީ އެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިސް އިދާރާކަމަށެވެ. ފާއިތުވި އަހަރުތަކުގައި އެ މާހައުލު ދެމިއޮތުމަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން، މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހި ކުށްކުރާ ގްރޫޕްތައް އުފެދި މުޖުތަމައުގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ އިޖުތިމާޢި ހަމަޖެހުން ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ މުޖުތަމައުގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދާޚިލީ ސަލާމަތާ ގުޅުންހުރި ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށަށް ގެންނަވަައި، ފުލުހުން އިސްވެ ތިބޭގޮތަށް ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައުގައި މޫލާފައި ހުރި މައްސަލަތައް މުލުން ލުހެލުމަށް ބޭނުންވާ ހާއްސަ ޤާނޫނުތައް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ޑްރާފްޓް ކުރެވި މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފާއިތުވި އަހަރުތަކުގައި ފުލުހުން އިސްކޮށް ތިބި ޓާސްކްފޯސްތަކުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައި. އައު ޤާނޫނުތަކުގެ ބާރުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރެއް. ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތެއްގައި ނަތީޖާ ފެންނަގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ އަހަރެއް،" ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއި ހިނިތުންވުމާއެކު ދެވޭ ޚިދުމަތަކަށް ހެދުމަކީ ވަޒީރެއްގެ ހައިސިއްޔަތުން މިއަހަރު އެންމެ އިސްކަން ދޭނެ ކަންތައް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ރައްޔިތުން އެދޭ، އަދި އެބަދަލު އިޙްސާސް ކުރެވޭފަދަ ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން މިފަދައިން ވިދާޅުވެފައިވާއިރު ރޭވިގެން ހިންގާ ކުށްތައް ކުރާ ގްރޫޕްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލުތަކެއް ހުށަހަޅުއްވާފައެވެ.