ރ. ދުވާފަރުގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަންގެ ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިމަހުގެ 23 ވަނަ ދުވަހު ދުވާފަރުގައި ހިންގި ޚާއްސަ ރެއިޑެއްގެ ތެރެއިންނެވެ.
ދުވާފަރުގައި މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 08:00 އިން ހަވީރު 17:45 އަކަށެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކުކަމަށް އިމިިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި އޮޕަރޭޝަންގައި ދުވާފަރުގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
...ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް، ރ. ދުވާފަރުގައި އިއްޔެ ޓާސްކް ފޯސްއިން ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދެވުނު މި ރެއިޑު އޮޕަރޭޝަންގައި 100 އަށްވުރެ… pic.twitter.com/Epli5qMxrM
— Maldives Immigration (@ImmigrationMV) April 24, 2025
އިމިގްރޭޝަނުން ވަނީ މީގެ ކުރިން އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާތީ އެފަދަ ސަރަހައްދުތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް ފަށްޓަވާފައެވެ. އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އާންމު މަސްލަހަތަށް ނުރައްކާވާފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސިލްސިލާކޮށް އެފަދަ ތަންތަނުގައި ހަރަކާތްތެރިވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތުވަނީ އެއްކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 6700 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.