ތިމާވެށި

ދަރަވަންދޫގައި ކުނި އުކާލުމަށް ނަގާނެ ފީގެ ތަފްސީލް ހާމަކޮށްފި


ބ. ދަރަވަންދޫގައި ކުނި މެނޭޖުކުރުމަށް ކުރައްވާ މަސައްކަތް އަންނަމަހު ފަށްޓަވާއިރު ގޭގެއިން ނަންގަވާނެ ފީއާބެހޭ ތަފްޞީލު އެރަށު ކައުންސިލުން ހާމަކުރައްވައިފިއެވެ.

އެކައުންސިލުން ވިދާޅުވިގޮތުގައި ގެއަކުން 150 ރުފިޔާގެ ފީއެއް ނަންގަވަން ހަމަޖެހިފައިވެއެވެ. އަދި މީހުން ނޫޅޭ ފަޅު ގޯތިތަކުން ނަންގަވަން ހަމަޖެހިފައިވަނީ 50 ރުފިޔާގެ އަގެކެވެ.

ބ ދަރަވަންދޫގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ރަށުގެ ގޭބިސީތަކާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތެވެ. މި އެއްބަސްވުންތައް ހަދާ ނިމޭއިރަށް ކުނި މެނޭޖްކުރުމުގެ ނިޒާމުގެ މަސައްކަތް ފަށައިގަނެވޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ 6 ލޭބަރަކު މިހާރު ރާއްޖެއިން ބޭރުން ގެނެސްފައިވާކަމަށާއި މިމީހުންނަށް ދޭންޖެހޭ ތަމްރީންތައް އަންނަ ހަފްތާތެރޭ ދޭންފަށާނެކަމަށް ބ. ދަރަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން  އެރަށުގައި ކުނި އުފުލަން ބޭނުންކުރާނެ ޕިކަޕެއް ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ކައުންސިލުން  މައުލޫމާތުދެއެވެ. ބ. ދަރަވަންދޫގައި ޤާއިމްކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށުމުން އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބ. ދަރަވަންދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ދަރަވަންދޫގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވީ.އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާއިރު މިއީ 170،000 ރުފިޔާގެ ޕްރޮޖެކްޓެެކެވެ. ދަރަވަންދޫ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާނި ސީދާ އެކައުންސިލްގެ ބެއްލެވުމުގެ ދަށުންކަމަށެވެ. އުތުރުގެ އަތޮޅުތަކުގެ ތެރެއިން ނ، ރ، ބ އަދި ޅ. ހިމެނޭ ސަރަޙައްދަކީ 65000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. މި 4 އަތޮޅުގައި މީހުން ދިރިއުޅޭ 44 ރަށް އޮންނައިރު، 22 ރިސޯޓް ހިންގައެވެ. މި 4 އަތޮޅަށް ބަލާއިރު، އެވްރެޖްކޮށް ދުވާލަކު 62 ޓަނުގެ ކުނި އުފައްދާކަމަށް އެންވަޔަރމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ސަރަޙައްދުގައި ސަރުކާރުން ހިންގަވާ ކުނި ނައްތާލުމުގެ މައި މަޝްރޫއު ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ ލޯން އެހީއާއި ހިލޭ އެހީ އަދި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެންނެވެ.