ކުދި ވިޔަފާރިތަކާއި އިންޑަސްޓްރިއަލް މަސައްކަތް ހިމެނޭހެން އައްޑޫ ސިޓީ މީދޫއިން ވިޔަފާރިއަށް 25 ބިމެއް ދޫކުރުމަށް ހުޅުވާލައިފިވިއެވެ. މީގެތެރޭގައި 12000 އަކަފޫޓާއި ހަމައަށް ބިން ދޫކުރެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފަވާ އިޢުލާނެއްގައި ވިދާޅުވީ، އައްޑޫސިޓީ މީދޫ އަވަށުން ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަންނަމަހުގެ 7 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާކަމަށެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފަވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕަރަޓްނަރޝިޕްގައި ހިމެނޭ ފަރާތްތަކަށްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މީދޫއިން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ބިންތަކުގެ ތެރޭގައި 1000 އަކަފޫޓުން ފަށައިގެން 12310 އަކަފޫޓާހަމައަށް ބިން ދޫކުރެއެވެ. މީގެތެރޭގައި ސްވިމިން ޕޫލް ހެދުމަށް ދޫކުރާ 1000 އަކަފޫޓުގެ 2 ބިމާއި، އާއްމު ވިޔަފާރިތަކާއި ރެސްޓޯރަންޓް ހެދުމަށް ދޫކުރާ ބިން، ސެލޫން، ސަރވިސް ސެންޓަރ އަދި ތެޔޮ ރައްކާކުރުމަށް ދޫކުރާ 6900 އަކަފޫޓުގެ ބިމެއް ހިމެނެއެވެ.
މީގެއިތުރުން ކޮންސްޓްރަކްޝަނާއި، ކާޕެންޓްރީ، ގައު އެޅުން، ހެވީ ވެހިކަލް ރެންޓަލް އަދި ވެއަރހައުސް ހިމެނޭހެން، އިންޑަސްޓްރިއަލް މަސައްކަތްތަކަށް ދޫކުރާ 4500 އަކަފޫޓަށްވުރެ ބޮޑު 5 ބިން ހިމެނެއެވެ. މީގެތެރޭގައި 10000އާއި 12000 އަކަފޫޓުގެ ބިންވެސް ހިމެނެއެވެ.
މިދޫގައި ކުޅިވަރާ ރެކްރިއޭޝަން ސެންޓަރެއް ހެދުމަށްވެސް ބިން ކުއްޔަށް ދޫރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިމަނާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ބީލަމުގައި ރެޖިސްޓްރިވާން ބޭނުންވާ ފަރާތްތަކުން، ގެޒެޓުގައިވާ އިޢުލާނުގައި ހިމެނޭ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު [email protected] އަށް މެއިލްކުރުމަށް އެދޭކަމަށެވެ. ސުންގަޑިއަކީ މެއި މަހުގެ 7ވަނަ ދުވަހުގެ 14:00އެވެ. މި ބިންތައް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލުން އޮންނާނީ 21 މެއި ގައި، ހެނދުނު 10:00ގައެވެ.
މި އިޢުލާނާއެކު ވަނީ ކުއްޔަށް ދޫކުރާ ބިންތައް، ހިމެނޭ އޭރިއާތަކާއި ލޮޓް ނަންބަރުތަކާއި އެކަމާ ގުޅޭ ޗާޓު ހިމަނާފައެވެ.