ޚަބަރު

250 އެތުލީޓުންނާއެކު އެސޯސިއޭޝަން ޗެމްޕިއަންޝިޕް މާދަމާ ފަށަނީ


އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި އަހަރު ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. 250 އެތުލީޓުންނާއެކު ކުރިއަށްދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައެވެ.

މާދަމާ ހެނދުނު 7:00 ގައި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވާއިރު، އެންމެ ފުރަތަމަ އޮންނާނީ 16 އަހަރުން މަތީގެ ފިރިހެނުން ކެޓަގަރީގެ 5000 މީޓަރު ދުވުމެވެ. އަދި ހަމަ އެގަޑީގައި 16 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ ހައިޖަމްޕް ކުރިއަށްގެންދާ ގޮތަށް ވަނީ ތާވަލުކުރެވިފައެވެ.

އަންހެން ކެޓަގަރީތަކުގެ ތެރެއިން އެންމެ ފުރަތަމަ އޮންނާނީ 16 އަހަރުން ދަށުގެ ޝޯޓްޕުޓް އަދި 5000 މީޓަރު ދުވުމެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތަށް އެކި އެކި އެކަޑަމީތަކުން ތައްޔާރުވަމުން އަންނައިރު އެތުލެޓިކްސް އެސޯސިއޭޝަނުން މިއަހަރު ރާއްޖޭގައި 11 މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ 11 މުބާރާތެއްގައި ރާއްޖޭގެ އެތުލީޓުން ބައިވެރިކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖޭން ވަނީ ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ބައިވެރިވެފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ ޗައިނާގެ ނަންޖިންގައި މި މަހު ކުރިއަށްދިޔަ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ. އަދި ރާއްޖޭގެ 5 އެތުލީޓުން ވަނީ އޭޕްރީލް މަހު ސައުދީ އަރަބިއްޔާގައި ކުރިޔަށްދިޔަ 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ބައިވެރިވެފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ މި އަހަރަށް 9 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، މުބާރާތްތަކުގެ ފެންވަރު މަތިކުރުމަށް އަމާޒުހިފާފައެވެ.

މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ވޯލްޑް އެތުލެޓިކްސް އާއި ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކުތަކުގެ ތެރެއިން އެއް ޓްރެކް ނަމަވެސް މަރާމާތުކޮށް، ސިންތެޓިކް ސާފޭސް ރަނގަޅުކުރުމަށް ކަމަށް މީގެ ކުރިން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަޙްމަދު އަޒީލް ވަނީ ވިދާޅުވެފައެވެ.